

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ޝަމްއާންގެ އާއިލާގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަމަށް އާއިލާއިންވަނީ ތުހުމަތުކޮށްފައެވެ.
އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށީ އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުންކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ވީޑިއޯއެއްކަމެއް ހާމައެއް ނުކުރެއެވެ.
އިހުސާނުގެ ކޮރަޕްޝަންގެ ވާހަކަ ރައީސް ޑރ މުހައްމަދު މުއިއްޒަށް ތިލަކޮށްދެއްވުމުން ޖަވާބުގައި އެމަނިކުފާނު ޝަމްއާނަށް ފޮނުއްވި މެސެޖުގައި ވަނީ އިހުސާން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް ޝަމްއާނުގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް އޭނާ ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުން، އޭނާއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ހިމެނޭ ކަމަށް އޭގައި އޮތް ކަމާއި ކުށުގެ ރިކޯޑު ދޫކުރީ 2 ފެބްރުއަރީ 2025ގައިކަމަށް އެ ބަޔާނުގައި އާއިލާއިން ފާހަގަ ކުރިއެވެ.
އަދި އެ މައްސަލައިގައި އިހުސާނާއި ޝަމްއާން ބައްދަލު ކުރުމުން، ވަގުތުން އެ މައްސަލަ ހައްލު ކުރުމަށް އަންގާފައިވާ ކަމާއި އެއަށްފަހު 5 ފެބްރުއަރީ 2025ގައި ފުލުހުންގެ ޚިދުމަތުން ދޫކޮށްފައިވާ ރިކޯޑުން ޝަމްއާނުގެ އެއްވެސް ކުށެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.
އާއިލާއިން ބުނި ގޮތުގައި ޝަމްއާން މަގާމުން ވަކިކޮށްފައިވަނީ އިހުސާނާ ގުޅުން އޮންނަ ބަންގްލަދޭޝް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ދުވަހާ ޖެހިގެން އައި ދުވަހެވެ. އަދި އެއީ އިއްތިފާގެއް ނޫން ކަމަށް އާއިލާއިން ސިފަ ކުރެއެވެ.
އެ ބިދޭސީމީހާގެ ފޯނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަކި ފުލުހަކާ ހަވާލުކުރުމަށް އޮތީ އަންގައިފައެވެ. އެހެން ނަމަވެސް އެ ކަން އެ ގޮތަށް ކުރެވޭނީ ރަސްމީކޮށް ނޯޓަކުން އެ ކަން ކުރުމަށް ދެންނެވުމުންކަން ޝަމްއާން ބުނުމުން، އަޑުގަދަކޮށް ހަޅޭއްލެވުމަށްފަހު އިހުސާން ފޯން ބޭއްވީ ކަމަށް ބަޔާނުގައިވެއެވެ.
އަދި އެ ބިދޭސީ މީހާއަކީ އިހުސާނާ ގުޅުން އޮތުމުގެ އިތުރުން، މިނިސްޓްރީން ހިންގާފައިވާ ގިނަ ކޮރަޕްޝަންތަކެއްގައި ބައިވެރިވެފައިވާ މީހެއް ކަމަށް ޝަމްއާނަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އެގޮތުން ޝަމްއާން ހައްޔަރު ކުރީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތައް ވުޖޫދުކޮށްގެން ކަމާއި ޝަމްއާން ހައްޔަރުކޮށް، ވާނުވާ ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުންކަމަށް އެ ބަޔާނުގައި އާއިލާއިން ތުހުމަތު ކުރެއެވެ.
މީގެ އިތުރުން ދައުލަތަށް ޚިޔާނާތްތެރިވާ ފަރާތްތަކުން ހިންގަމުންދާ އަމަލުތައް ފަޅާ އަރައި ބޭޒާރުވާނެކަންވެސް ބަޔާނުގައި ފާހަގަކޮށްފައި އޮތެވެ.