

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.
އެ ގޮވާލުމަށް އިޖާބަދެއްވާ ރައީސް ޑރ. މުއިއްޒު އުފެއްދެވި ކޮމިޝަނާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން އަންނަ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރިޔާސީ ކޮމިޝަނުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށާއި އެކޮމިޝަނަށް އާއިލާއިން އިތުބާރުވެސް ނުކުރާ ކަމަށެވެ.
އަދި އިންސާފު ހޯދަން މި ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ހ. ފެންޓެނޯއީ ގޭގެ ފަންގިފިލާއަކުން ވެއްޓިފައި އޮއްވައި ޔުމްނު ފެނުނީ މި ހިނގާ އޭޕްރީލް 18، ގަ އެވެ. އޭނާއަށް ހުރީ ވަރަށް ބޮޑެތި އަނިޔާތަކެއްވެފަ އެވެ. އެންމެ ބޮޑު އަނިޔާއަކީ ކަރު ބިނދިފައި އޮތެވެ. އޭގެ އިތުރުން މައިބަދަ، އުކުޅުވަޅު، ފަލަމަސްގަނޑު އަދި މޭކަށިގަނޑު ވެސް ވަނީ ބިނދިފަ އެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ފަސް މެންބަރުންގެ ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ޔުމްނުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަން އުފެއްދީ މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އެ ކޮމިޝަނަށް އައްޔަން ކުރީ ތިން މެންބަރުންނެވެ. އެއީ ޑރ. މުނައްވަރާއި އަހުމަދު މުހައްމަދާއި ޑރ. މުހައްމަދު ހަބީބެވެ. އެކަމަކު، ހަބީބު ވަނީ އެ ކޮމިޝަނުން ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. ހަބީބު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނަށް އަލުން ތިން މެންބަރުން އައްޔަން ކުރީ އިއްޔެ އެވެ.
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ޔުމްނު ހ. ފެންޓެނޯއީގޭގެ މަތީ ފްލޯއަކުން ވެއްޓުނުއިއިރު އޭނާއާ އެކުގައި ރައުދު އަހުމަދު ޒިލާލް ކިޔާ ފިރިހެނަކު އުޅުނެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު ފަހުން، އެ މައްސަލައިގެ ތަހުގީގަށް ރައުދު އެއްބާރުލުން ނުދޭތީ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގުމުގެ ކުރިން އެރޭ، މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ވަނީ ޕާޓީކޮށްފައެވެ. ހާދިސާ ހިނގި ވަގުތު ޔުމްނުއާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.