ޑރ ޖަމީލު ވަނީ ރައީސް މުއިއްޒުގެ މައްސަލަ ބަލަން ދުނިޔޭގެ އިދާރާތަކަށް ގޮވާލައްވާފައި / ސޯޝަލް މީޑިއާ
ހަބަރު
ޖުޑިޝިއަރީގެ މިނިވަންކަމަށް އަރައިގެންފައިވަނިކޮށް އެވޯޑު ދިނުމުން ކަންބޮޑުވުން ފާޅުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
30 އޭޕްރީލު 2025

ގާނޫނު އަސާސީގެ ބާރުތައް އަމިއްލަފުޅު އަތައް ނަންގަވާ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަރައިގަނެފައިވާ ވަގުތެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދިނުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ ޖަމީލުގެ ކަންބޮޑުވުމާ އެކު އެމަނިކުފާނު ވަނީ އެ ޔުނިވާސިޓީން ތައުލީމް ހާސިލް ކުރެއްވި ދަރިވަރެއްގެ ހައިސިއްޔަތުން އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަން ހެޑަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ރައީސް ޑރ މުއިއްޒު ގެންދަވަނީ ރާއްޖޭގެ ޖުޑީޝަރީއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސޕްންޑް ކުރިކަމަށް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހަމަ އެ ޔުނިވާސިޓީން ކިޔެވި ފަނޑިޔާރު ހުސްނު ސުއޫދުވެސް ހިމެނި ވަޑައިގަންނަވާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެ ފަނޑިޔާރުން އެއްވެސް ހެއްކެއް ނުވަތަ ޑިއު ޕްރޮސެސް އަކާއި ނުލާކަންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ލެޖިސްލޭޓިވް ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސުޕްރީމް ކޯޓު އޮތީ ޕެރަލައިޒްކޮށްލާފައިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ޕާޓީ ލައިނާ ޚިލާފަށް ވޯޓުދޭ މަޖިލިސް މެމްބަރުން މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ތަޅުމުން އިސްލާހް ގެނައިކަން ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ސަބަބުން އިންތިޚާބުކުރެވިފައިވާ މަންދޫބުންގެ މިނިވަންކަން ފުރިހަމައަށް ގެއްލިފައިވާކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.


ސުޕްރީމް ކޯޓުގައި ޗެލެންޖް ކުރުމުން ސަރުކާރުން ބަދަލުހިފުނީ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް ފަނޑިޔާރުން ސަސްޕެންޑްކޮށް، ފަހުން ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ދަށްކުރަން ގާނޫނެއް ހަދައިގެންނެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗު ގެއްލުވާލުމާއެކު، އެ ބިލު ބާތިލްކޮށް، އެއީ ހިންގި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވެގެން ދާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓު އޮތީ ސިޔާސީ ޕެޕެރެލިސިސް އެއްގައިކަން ވިދާޅުވެ އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖްސް އެންޑް ލޯޔަރސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާކަން ހާމަކޮށްދިނެވެ. އަދި ޝަރުއީ މިނިވަންކަމަށް ދިން އެ ހަމަލާ މިނިވަން މީޑިއާތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުން ވަނީ ކުށްވެރި ކުރިކަންވެސް ފާހަގަ ކުރިއެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ވަނީ ރައީސް އަބްދުاﷲ ޔާމީން މިނިވަން ކުރުމަށް ވައުދުވެ ވަޑައިގެން ޕްލެޓްފޯމްތަކުގައި ކެމްޕެއިން ކުރެއްވިކަން ފާހަގަ ކުރައްވާ ރައީސްކަން ހޯއްދެވުމަށްފަހު، އެ ވައުދު ދޫކޮށްލެއްވުމުގެ އިތުރުން، ރައީސް ޔާމީނަށް އަނިޔާދިނުމަށް މަގުފަހިކޮށްފައިވާކަންވެސްވަނީ ޑރ ޖަމީލގެ ސިޓީގައި ފާހަގަ ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ އެކުވެރިންގެ މެދުގައި ކޮރަޕްޝަންގެ ދައުވާ ކުރަން ދެކޮޅު ހަދާކަންވެސްވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އެޗްޑީސީ، އެފްއެސްއެމް އަދި އެމްޕީއެލް ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިނގަމުންދާ ކަމުގެ ހެކި ދަނީ އިތުރުވާކަމަށް ޑރ ޖަމީލް ފާހަގަކޮށްފައިވެއެވެ. މިފަދަ މައްސަލަތައް ނުނިމި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަރިސް ބޭފުޅުންގެ ބައިވެރިވުން އޮތުމުންކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި އޭގެ ސަބަބުން ރައްޔިތުން ގާނޫނަށް ކުރާ އިތުބާރު ކުޑަވިކަން ހާމަކޮށްފައިވެއެވެ.

އެއާއިއެކު ސަމޯއާ އެގްރީމަންޓް ތަސްދީގު ކުރުމަކީ، އޭގެ ތެރޭގައި، ޖިންސީ ގުޅުން ހިންގުމަށް މަގުފަހިކޮށްދޭ މާއްދާތަކާއި، ދީނީ މިނިވަންކަން ދެމެހެއްޓުމުގެ މާއްދާތައް ހިމެނުމަކީ، އިސްލާމީ މައިގަނޑު އުސޫލުތަކާއި ރާއްޖޭގެ ދުސްތޫރީ މާއްދާތަކާ ހިލާފު ކަމެއްކަން ފާޙަގަކޮށް އިސްލާމް ދީނަކީ ހުރިހާ ގާނޫނެއްގެ އަސާސް ކަމަށް ކަނޑައަޅައި، މުސްލިމުންގެ ރަށްވެހިކަން ހަނިކޮށް، އަމިއްލަ ގާނޫނު އަސާސީއާ ހިލާފަށް އދ.ގެ ދާދި ފަހުން ފާސްކުރި ގަރާރަށް ވެސް ރާއްޖެއިން ވަނީ ތާއީދު ކުރިކަން އެމަނިކުފާނުވަނީ ހާމަ ކުރައްވާފައެވެ.


މަދާނީ ތަރައްގީގެ އަސްލަކީ އަދުލު އިންސާފާއި ދެމެހެއްޓެނިވި ކަމާއި އަޚްލާގީ ވެރިކަމުގެ އަސާސެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދުތައް ތަކުރާރުކޮށް އިތުރުކޮށް، އައިއެމްއެފް އާއި ވޯލްޑް ބޭންކުން އިގްތިސާދު ރީސްޓްރަކްޗާ ކުރުމަށް ގޮވާލި ގޮވާލުންތަކަށް އިހުމާލުވެ، ފިސްކަލް ރިސްކް އިތުރަށް ބޮޑުވެފަ އެވެ. މި ޢަމަލުތަކަކީ އިސްލާމީ ލީޑަރޝިޕުން ގެންގުޅުއްވާ މަދާނީ ވެރިކަމުގެ ތަޞައްވުރާ ޚިލާފު ޢަމަލުތަކެކެވެ.



އަދި އައިއައިޔޫއެމުން ދޭ އޮނަރަރީ ޑޮކްޓްރޭޓް މިހާރުވެސް ބޭނުންކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ހިންގަވަމުން ގެންދަވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ސައްހަ ކުރުމަށް ސިޔާސީ ޕްރޮޕެގެންޑާގެ ވަސީލަތެއްގެ ގޮތުގައިކަން ފާހަގަ ކުރައްވައި އެކަމާއި ކަންބޮޑުވުން ފާޅު ކުރިއެވެ.

މީގެ އިތުރުން ޢަދުލުއިންޞާފަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި އެއް މަޤްޞަދު ކަމާއި ހަރުދަނާ ވެރިކަމެއްގެ ބިންގާކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަاﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޤިޔާމަތް ދުވަހު اﷲ ތަޢާލާގެ ހިޔަލުގައި ތިބޭނެ ހަތް ގިންތިއެއްގެ ތެރޭގައި އިމާމް އާދިލް - ޢަދުލުވެރި ލީޑަރުވެއެވެ. މި މިންގަނޑަށް ބަލާއިރު، ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ނިޒާމީ ގޮތުން ނުފޫޒު ފޯރުވުމާއި ދުސްތޫރީ މިންގަނޑުތަކަށް އިހުމާލުވުމަކީ އިސްލާމީ ލީޑާޝިޕްގެ އަސާސްތަކާ ގުޅިފައިވާ ކަމެއް ކަމަށް ނުބެލެވޭނެކަމަށް އެ ސިޓީގައި ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ޔުނިވާސިޓީން ރައީސް ޑރ. މުއިއްޒަށް އަށްއޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ދިން ދިނުން އަނބުރާ ގެންދިއުމަށް އެދޭކަމަށް އެމަނިކުފާނުގެ ސިޓީ ނިންމަވާލައްވަމުން އެދިފައިވެއެވެ.

ރައީސް މުއިއްޒަށް މި ޝަރަފް އެރުވީ ޑޮކްޓާ އޮފް ފިލޯސަފީގެ އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިންނެވެ.



އައިއައިޔޫއެމްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒަށް ޝަރަފް އެރުވީ އެ ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ޓުންކޫ އަޒީޒާ އައިމިނާ އެވެ.

ރައީސް މުއިއްޒު ފިޔަވައި އިތުރު ދިވެއްސަކަށް އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓްރޭޓްގެ ޝަަރަފް މީގެކުރިން އަރުވާފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved