

ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި މި އަހަރު ވެސް ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު އެކުލަވާލާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ރާއްޖެ 2023ވަނަ އަހަރުން ފެށިގެން ދަނީ ފަހަތަށް ޖެހެމުންނެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އާންމުކުރި މި އަހަރުގެ އިންޑެކްސްގައި ވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.
މިހާރު މި ލިސްޓުގައި 104ވަނައިގައި ރާއްޖެ އޮތްއިރު، ސްކޯއަކީ 52.46އެވެ. މި ނަތީޖާއިން ދައްކަނީ ކުރިއަށް އޮތީ ނޫސްވެރިކަމުގައި ރާއްޖެއަށް އަނދިރި ދުވަސްތަކެކެވެ.
ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަން ކުރަން އެންމެ އުނދަގޫ ގައުމުތަކަކީ އެރިޓްރިއާ، ނޯތު ކޮރެއާ، ސީރިޔާ އީރާން ފަދަ ގައުމުތަކެވެ.
މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމަކީ ނޯވޭ, އެސްޓޯނިއާ, ނެދަލެންޑްސް, ސްވިޑެން, ފިންލޭންޑް އެވެ.