

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ މެންބަރުންނަށް 5،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ކޮންމެ މަހަކު ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު އެވެ. އެމަނިކުފާނު ވިދާޅުވީ އެ ކޮމިޝަންގެ ކޮންމެ ބޭފުޅަކަށްވެސް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮމިޝަނުގައި ތިއްބެވި ޑޮކްޓަރާއި ސިއްހީ ދާއިރާގެ މުވައްޒަފަށް، މުސާރަ ހިނގާހެން ވަޒީފާއިން ވީއްލޭ ގޮތަށް ހަމަޖެއްސުމާ އެކު، ކޮންމެ ބޭފުޅަކަށް ވެސް 5000ރގެ އެލަވަންސެއް ދޭނެ ކަމަށާއި ދެން ތިއްބެވި ތިން މެމްބަރުންނަކީ އެއްވެސް އިތުރު ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން ނަށްވާތީވެ އެއިން ކޮންމެ ބޭފުޅަކަށް 15،000ރ.ގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ފަސް މެންބަރުންގެ ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ރައީސްގެ ގަރާރަކުން މި ހާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ ޔުމްނު ވެއްޓިފައި އޮތް ހާދިސާގެ ހަގީގަތް ހޯދުމެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގި ގޮތް ބެލުމަކީ ވެސް ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.
ޔުމްނު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފަ އެވެ.