

ފަތުރުވެރިންނަށް ދިން މަރުގެ ހަމަލާތަކާ ގުޅިގެން ނިއުދިއްލީއާ އެކު އިސްލާމްއާބާދުގެ ޓެންޝަންތައް އިތުރުވަމުންދާއިރު، އިންޑިއާގެ ބޯޓުތަކަށް ޕާކިސްތާނުން މި ހަފްތާގައި ޝިޕިން ބަނދަރުތައް ބަންދުކުރަން ނިންމިކަން ހާމަކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
މި ފިޔަވަޅު އެޅީ ޕާކިސްތާނުން ޓްރާންސިޓް ކުރާ މުދާ އެތެރެކުރުން މަނާކޮށް ޕާކިސްތާނުގެ ބޯޓުތައް އެތެރެކުރުން މަނާކޮށްފައިވާކަން އިންޑިއާއިން ހޮނިހިރު ދުވަހު އިއުލާންކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އިންޑިއާގެ ވެރިކަމުގައި އޮންނަ ކަޝްމީރުގައި އޭޕްރީލް 22 ވަނަ ދުވަހު ބަޑިޖަހާ މީހުން 26 ފަތުރުވެރިން މަރާލި ފަހުން ދެ ގައުމުން ވެސް ވަނީ އެކަކު އަނެކަކާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނިއުދިއްލީން ތުހުމަތު ކުރީ އިސްލާމްއާބާދަށް ކަމަށާއި އެކަން ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް ދޮގުކޮށް، އެ ހާދިސާގެ ހާމަކަން ބޮޑު، ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓްރީން ބުނީ ޕާކިސްތާނުގެ ބަނދަރުތަކުން އިންޑިއާގެ ބޯޓުތައް މަނާކުރަން ނިންމީ މެރިޓައިމް އިސްތިގުލާލާއި އިގްތިސާދީ މަސްލަހަތާއި ގައުމީ ސަލާމަތަށް ރައްކާތެރިވުމަށް ކަމަށެވެ.
މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނުގެ ވިޔަފާރި ވަނީ ދަށްވެފައެވެ. އިންޑިއާ އިން ހޮނިހިރު ދުވަހު އިއުލާން ކުރި ގޮތުގައި ޕާކިސްތާނުގެ ބޯޓުތައް މަނާކުރަނީ އެގައުމުގެ އެސެޓްތަކާއި މުދާ އަދި ގުޅިފައިވާ އިންފްރާސްޓްރަކްޗާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި އެއީ އާންމު މަސްލަހަތާއި އިންޑިއާގެ ބޯޓުފަހަރުގެ ސިނާއަތުގެ މަސްލަހަތަށް ކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާދީފިނަމަ ވަރުގަދަ ޖަވާބެއް ދޭނެ ކަމަށް ޕާކިސްތާނުން ވަނީ ވައުދުވެފަ އެވެ. އިންޑިއާގެ ޕީއެމް ނަރެންދުރަ މޯދީ ވަނީ އެޕްރީލް 22 ވަނަ ދުވަހު ދިން ހަމަލާއަށް ރައްދު ދިނުމަށް އޭނާގެ ގައުމުގެ އަސްކަރީ އޮޕަރޭޝަނަލް ފްރީޑަމް މި ހަފްތާގައި ދެއްވާފައެވެ.