
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅެއްކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ އެ ގައުމުގެ ޝާހީ އާއިލާއަށް ނިސްބަތް ނުވާ ބޭފުޅެއްކަން ހާމަވެއްޖެއެވެ.
ފަހަދް ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ.
އަދި ރައީސް މުއިއްޒު އާއި ހޯމަ ދުވަހު ރައީސް އޮފީހުގައި ބައްދަލު ކުރެއްވިކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެކަން ހާމަކޮށް ރައީސް އޮފީހުންވަނީ ފަހަދަކީ ސައޫދީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ ނަމުގެ ކުރިއަށް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޖަހައިފައިވެއެވެ.
ހިޒް ރޯޔަލް ހައިނަސް ޕްރިންސްގެ ލަގަބަކީ ރަސްގެފާނު އަބްދުލްއަޒީޒް އިބްނު ސައުދުގެ ދަރި ދަރިކަލުންނާއި އަދި އެ ހިސާބުން ފެށިގެން ރަސްގެފާނުގެ ދަރި ދަރިކަލުންގެ އާއިލާތަކުން އަންނަ ފަރާތްތަކަށް ދޭ ލަގަބެކެވެ.

ނަމަވެސް ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު ބަލަހައްޓާ އެއްވެސް ލިސްޓެއްގައި ފަހަދެއް ނެތްކަންވެސް ފާހަގަ ކުރެވެއެވެ.
އަދި ފަހަދަކީ ވިޔަފާރިވެރިއެއްކަން ފާހަގަ ކުރެވުނެވެ. އޭނާގެ ޕްރޮފައިލްތަކުގައިވެސް އެއީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެފައި ނެތެވެ.
އެގޮތުން ފްރިންސްގެ ލަގަބު އޭނާއަށް އެންމެ ފުރަތަމަ ދިނީ ރައީސް އޮފީހުންކަން ފާހަގަ ކުރެވެއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ޑިޕްލޮމެޓިކް ފެއިލިއާގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސިފަ ކުރަމުންނެވެ.









