

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަށާއި ޕާކިސްތާނުން އިންޑިއާ ސަރަހައްދަށް ދިން ހަމަލާތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުނީ، އިންޑިއާގެ ހަމަލާތަކުގައި ގާތްގަޑަކަށް 32 މީހުން މަރުވެ 90 އަށް ވުރެ ގިނަ މީހުން ޒަހަމުވެފައިވާ ކަމަށެވެ. މިސައިލްތައް ހަމަލާދީފައިވަނީ ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ސަރަހައްދަކަށާއި އެ ގައުމުގެ އިރުމަތީ ޕަންޖާބުގެ ސަރަހައްދުތަކަށް ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެ އެވެ. ހަމަލާދިން ތަންތަނުގެ ތެރޭގައި ދެ މިސްކިތެއް ވެސް ހިމެނެ އެވެ.
އިންޑިއާގެ އެ ހަމަލާގެ ބަދަލުގައި އިންޑިއާގެ ފަސް މަތިންދާބޯޓަށް ބަޑިޖަހައި ވައްޓާލަފައިވާ ކަމަށާއި ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ އިންޑިއާގެ ކިބައިން ބަދަލު ހިފާނެ ކަމަށެވެ.
ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ކަޝްމީރުގެ ބޯޑަރު ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާނު ސިފައިން ކޮންމެ ރެޔަކު ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ރޭ ވެސް ލުއި ހަތިޔާރުގެ ހަމަލާތައް ދެ ގައުމުގެ ސިފައިން ދީފައިވެ އެވެ.
އިންޑިއާ ގަބޫލުކުރާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާ ޕާކިސްތާން ސަރުކާރާ ގުޅުން އޮވެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ އެޖެންޑާ ކަނޑައެޅުމުގައި ޕާކިސްތާން ސަރުކާރުގެ ކަމުވޮށިގެންވާ މީހުން ބުއްދިލައިދެ އެވެ.
އިންޑިއާ އަދި ޕާކިސްތާނަކީވެސް ނިއުކްލިއާ ގާބިލުކަން ހުރި ދެ ގައުމެވެ. މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ މިކަމާ ގުޅިގެންނެވެ.
ހަމަލާތަކާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ދެ ފަރާތުން ވެސް ހަމަލާތައް ދިނުމުގައި ކޮންޓްރޯލު ކުރުމަށް ގޮވާލާފަ އެވެ.
ރަޝިޔާގެ ހާރިޖީ ވުޒާރާއިން ބުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ދެ ގައުމުން ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ދެ ގައުމާވެސް ގުޅުން އޮންނަ ރަޝިއާގެ ހާރިޖީ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެ ބަޔާނުގައި ވަނީ ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ކުށްވެރިކުރާ ކަމަށްވެސް ބުނެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށްގެންދާ ހަމަލާތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޑިޕްލޮމެޓުން މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް ޤަޠަރުން ވަނީ ގޮވާލާފައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގިނަ ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާއި ޕާކިސްތާނާއި ދެމެދު މި ފަހުން ބަދަލުނުކުރާވަރުގެ ހަމަލާތައް ބަދަލުކޮށްފައިވާ މި ދަނޑިވަޅުގައި ހަމަލާތައް އިތުރަށް ވަރުގަދަ ނުކުރުމަށް ފަރަންސޭސިވިލާތުން ވަނީ ދެ ގައުމަށްވެސް ގޮވައިލާފަ އެވެ.
މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ގޯސްވަމުންދާ އަސްކަރީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމެރިކާ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.