ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ / ރައީސް އޮފިސް
ހަބަރު
އިގްތިސޯދީ ހާލަތު އޮތް މިންވަރު ހާމަކޮށްދޭތީ މިނިސްޓަރު ނުރުހިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
18 ފެބްރުއަރީ 2024
މާލެ ސިޓީ

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ވަޒީރު މުހައްމަދު ސައީދު ނުރުހިވަޑައިގެން ރައްދު ދެއްވައިފިއެވެ.

އިކޮނޮމިކު މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އޮތީ ބަގުރޫޓުވެފައި ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދާ ކަމަށާ އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށް ބުނެފައެވެ.

ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ނިޒާމުގެ އިތުބާރު ގެއްލުވާލަން ވަކި ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަން އެ މިނިސްޓްރީއަށް ވަނީ ފާހަގަވެފައެވެ.

އެއީ އެއްވެސް ބުރަދަނެއް ނެތް، ސައްހަ ނޫން ވާހަކަތަކެއް ކަމަށާއި އެއީ މި ސަރުކާރުން ފަށައިފައިވާ އިގްތިސާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. އަދި މިއީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ސަރުކާރާއި ހަވާލުވި އިރު ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަންނަން ބުރަ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މި މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އެ ވުޒާރައިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަަށް ގޯސްވެ ބޭންކްރަޕްޓް ވުމުން ދޭ އެހީގެ ޕެކޭޗް ނަގާ އައިއެމްއެފްގެ ޕްރޮގްރާމަށް ރާއްޖެ ވަދެފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ކެނޑިނޭޅި ވާހަކަތައް ފަތުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved