ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފެށުން / ޕާކިސްތާން ޓުޑޭ
ދުނިޔެ
ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުން އިންޑިއާ އަށް ބޮން އަޅަން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މޭ 2025
މާލެ ސިޓީ

އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމުން އަނެއް ގައުމަށް ދެމުން ގެންދާ ހަމަލާތައް ފުޅާވެ ވަރުގަދަވަމުން ގޮސް، މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޑިއާގެ އެކި ހިސާބުތަކަށް ބޮން އަޅަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިންޑިއާއިން ރޭ ވަނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް މިސައިލުން ހަމަލާ ދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ވެރިރަށް އިސްލާމްއާބާދުގެ ކައިރީގައި ހުރި މަރުކަޒަކަށް ވެސް އަމާޒުކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ދައުލަތުގެ ނިއުސް އައުޓްލެޓް ޕީޓީވީ ނިއުސް އިން އެ ގައުމުގެ އަސްކަރިއްޔާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ""އަލްބުންޔާނުލް މަރުސޫސް" ގެ ނަމުގައި ވައިގެ މި ހަމަލާތައް އިންޑިއާއަށް ދޭން ފެށީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

މިއީ އިންޑިއާ އިން ޕާކިސްތާނަށް މި ފަހުން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަކެކެވެ.

ޕާކިސްތާނުން ދިން މި ހަމަލާތަކާ ގުޅިގެން އިންޑިއާ އަދި ވަކި އެއްޗެއް ބުނިކަން ހަބަރުތަކުން އެނގިފައެއް ނުވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ ފައިޓާޖެޓްތަކުންނާއި މިސައިލާއި ރޮކެޓުން އިންޑިއާގެ 36 އަމާޒަކަށް ރޭ ފަތިހުވަނީ ހަމަލާދީފަ އެވެ.

މީގެތެރޭގައި ހިމެނޭ ގިނަ ތަންތަނަކީ ކަޝްމީރުގެ އިންޑިއާ ފަޅިއާއި އިންޑިއާއާއި ޕާކިސްތާނުގެ ބޯޑަރުގެ ކައިރީގައިވާ އިންޑިއާގެ އަސްކަރީ ތަންތަނެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީ މިއަދު ހެނދުނު ބުނިގޮތުގައި ޕަންޖާބު, އިންޑިއާ ފަޅީގެ ސަރަހައްދެއްކަމަށްވާ ބިޔަސްގައި ހުންނަ ބްރަހްމޯސް މިސައިލް މަރުކަޒަށްވެސް ޕާކިސްތާނުގެ ވައިގެ ސިފައިން ރޭ ފަތިހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މަސްރަހު ހޫނުވެފައިމިވަނީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅިއަށް ނިސްބަތްވާ ޓޫރިސްޓް އަވަށެއް ކަމަށްވާ ޕަހަލްގާމުގައި ހަތިޔާރު އެޅި ބަޔަކު ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލުމުންނެވެ.

މި ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނު ބޮލުގައި އެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެ ހަމަލާއާއި ޕާކިސްތާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައި އެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ދުނިޔޭގެ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، މަޝްވަރާއާއި ސުލްޙަ އިސް ކުރުމަށް ބާރު އަޅަމުންދާ ގައުމުތަކުގެ ތެރޭގައި އީރާން، އެމެރިކާއާއި ޗައިނާ ހިމެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved