March 17, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ޝަރީއަތަކީ މިސްޓަރަޔަލްއެއްކަމަށް ނިންމަން ޖެހޭ: ޑރ ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
May 10, 2025, 10:00 PM

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަކީ މިސްޓަރަޔަލްއެއްކަމަށް ނިންމަން ޖެހޭކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލްވަނީ ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ، ހެކިވެރިންނަށް ވަކި ގޮތަކަށް ހެކި ބަސް ދިނުމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އޭސީޕީ މުހައްމަދު ރިޔާޒު އެދޭ އޯޑިއެއެއް ލޯކު ވުމާއި ގުޅިގެންވަނީ ޗެނަލް 13 އަށް ހާއްސަ އިންޓަވިއުއެއް ދީފަ އެވެ.

މުޅި މައްސަލައިގައި ގެންގުޅެނީ 2 ހެކިން ކަމާއި އެއީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހުކުމް ސާބިތުވެފައި ތިބި ދެ މީހުންކަމަށްވާ އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއީ ކޮން ގޮތަކަށް ގަބޫލު ކުރެވޭ ހެކި ބަހެއްތޯވަނީ ޑރ ޖަމީލް ސުވާލު އުފައްދާފަ އެވެ.

އެގޮތުން އެ އޯޑިއޯގައި ފުލުހުން ބޭނުންވާ ގޮތަށް ރައީސް ޔާމީންގެ ކޭސްގައި ދައުލަތުން ބޭނުންވާފަދަ ގޮތަކަށް ހެކިބަސް ދީފި ނަމަ ލުއިތައް ފޯރު ކޮށްދޭނެކަމަށް ބުނެފަ އެވެ.

އެގޮތުން ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅުއްވަނީ މީހުންނާއި ޑީލް ހަދައިގެން ހެކި އުފައްދައިގެން ކަމާއި އިނާޔަތް ދިނުމުގެ ގޮތުގެ މަތީންކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމު ދުނިޔޭގެ ހުރިހާ ތަނަކު މަސައްކަތް ކުރާ ގޮތަށް ބަލާނަމަ، މިހާރު މި އަޑު އިވޭ އޯޑިއޯއިން އެކަނިވެސް ރައީސް ޔާމީންގެ ޝަރީއަތަކީ މިސްޓަރަޔަލެއްގެ ގޮތުގައި ކަނޑައަޅައިފައި ކުރިއަށް ގެންދަން، މިނިވަން ޕްރޮސެކިއުޝަނެއް އޮތް ނަމަ އެ ކަން ކުރަން ލާޒިމުވާނެ. އަދި ފަނޑިޔާރުންވެސް މިކަން އެބޭފުޅުންގެ މައުލޫމާތަށް މިކަން އަންނަ ހިސާބުން ފެށިގެން މި މައްސަލަ އާއި މެދު ގޮތެއް ނިންމަން ޖެހޭ. އަޅުގަނޑުމެންނަށް ދާދި ފަހުން ފެނުނު އެމެރިކާ އާއި އެހެން ތަންތާގަވެސް މިފަދަ މައްސަލަތަކުގައި ފަނޑިޔާރުންވަނީ މައްސަލަތައް ނަގާ އެއްލާލައިފައި.

ޑރ ޖަމީލް

މުޅި މައްސަލައަށް ބަލާ އިރު ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.

އަދި އެއީ އަދީބާއި ޒިޔަތު ދިން ހެކި ބަހާއި އަދި މިހާރު ފުއްގިރި މައްސަލައިގައި ފުލުހުން މީހަކަށް ރިޝްވަތު ހުށަހަޅުެއްވާ ވަކި ގޮތަކަށް ރައީސް ޔާމީންގެ މައްޗަށް ހެކި ބަސް ދިނުމަށްޓަކައި މަސައްކަތް ކުރުމުންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.

އެގޮތުން މިފަދަ އޯޑިއޯއެއް ލީކުވެފައިވަނިކޮށް މި މައްސަލައިގައި ހުކުމެއް އިއްވައިފިނަމަ އެއީ އަދުލުވެރި ހުކުމަކަށް ނުވާނެ ކަމާއި އެއީ ރައްކާތެރި ގޮތެއް ނޫންކަމަށް ޑރ ޖަމީލް ސިފަ ކުރެއްވި އެވެ.

އަދި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް ކޯޓަށް ހުށަހަޅުއްވާނެކަމަށްވެސް ޑރ ޖަމީލްވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved