އިންޑިއާގެ މައްޗަށް ހޯދުނީ ބޮޑު ކާމިޔާބީއެއް ކަމަށް ޕާކިސްތާނު ރައްޔިތުން ބުނޭ. / ސޯޝަލް މީޑިއާ
ދުނިޔެ
އިންޑިއާގެ މައްޗަށް ކާމިޔާބީ ހޯދާ ޕާކިސްތާނުން އުފާ ފާޅުކުރަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
12 މޭ 2025

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ފެށި ހަމަލާ ބަދަލުކުރުންތަކުން ލިބުނު ކާމިޔާބީ ފާހަގަކޮށް ޕާކިސްތާނުން އުފާ ފާޅުކުރަން ފަށައިފިއެވެ.

ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ބަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާއާ ގުޅިގެން އިންޑިއާއިން އިސްވެ ވަނީ މިމަހުގެ ހަ ވަނަ ދުވަހު ޕާކިސްތާނަށް ވައިގެ މަގުން ހަމަލާތަކެއްދީފައެވެ. ހަމަލާތައް ދިނުމުގެ ކުރިން އިންޑިއާއިން ވަނީ ކަޝްމީރުގައި ދިން އެ ހަމަލާއަކީ ޕާކިސްތާނުގެ އަތެއް އޮވެގެން ދިން ހަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ. އިންޑިއާއިން ޕާކިސްތާނަށް ހަމަލާތައް ދީފައިވަނީ ފްރާންސްގައި އުފައްދާ ރަފައެލް މަރުކާގެ ފައިޓަޖެތްތައް ބޭނުންކޮށްގެންނެވެ.

އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން ރައްދު ހަމަލާދޭން ފެށިއެވެ. ދެ ގައުމުގެ ދެމެދުގައި ހިނގާދިޔަ ކުރިމަތިލުންތަކުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ ބައެއް ޖެޓްތަކަށް ހަމަލާދީ ވައްޓާލާފައެވެ. ޕާކިސްތާނުގެ ވައިގެ ސިފައިން ދޭން ފެށި ވަރުގަދަ ހަމަލާތަކާއެކު، އެންމެފަހުން އެމެރިކާއިން ދެ ގައުމުގެ އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދިޔަ ވާހަކަތަކަށްފަހު، އެ ޤައުމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވެ، ހަމަލާތައް ބަދަލުކުރުން ހުއްޓާލާފައެވެ.

އެއީ އިންޑިއާގެ މައްޗަށް ލިބުނު ބޮޑު ކަމިޔާބީއެއްގެ ގޮތުގައި ސިފަކޮށް ޕާކިސްތާނުގެ ގައި ދަނީ އުފާފާޅުކުރުމުގެ ގޮތުން އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ލާހޫރުގައި ވަނީ އިންޑިއާ އަތުން މޮޅުވުމުގެ އުފަލުގައި ހަވާއެރުވުމުގެ ބޮޑު ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި، އޮފިސަރުން ބައިވެރިވިއެވެ.

ޕާކިސްތާނުގެ ރައްޔިތުން ހާމަކުރި ގޮތުގައި އިންޑިއާއިން ހަނގުރާމަ ފެށި ނަމަވެސް ޕާކިސްތާނުން ދެއްކީ އެ ގައުމު ފަހަތަށް ޖައްސާ ބިރު ނުގެނުވޭނެ ކަން ކަމަށާ އިންޑިއާއިން ކިތަންމެ ބިރެއް ދެއްކި ނަމަވެސް ޕާކިސްތާނުގައި ތިބި މުސްލިމުން ބިރުވެތި ވަނީ ﷲ ގެ ހަޟްރަށް އެކަނި ކަމަށްވެސް ބުނެފައިވެއެވެ. އަދި ޕާކިސްތާނު ރައްޔިތުން ވަނީ އެގައުމުގެ ވައިގެ ސިފައިންނަކީ ބަޠަލުންގެ ގޮތުގައި ސިފަކޮށް އެ ސިފައިންގެ ހިތްވަރަށް ސާބަސްދީ ރައްޔިތުންގެ ހައްގުގައި ވީ ގުރުބާނީއަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ހަމައެހެންމެ ޕާކިސްތާނުގެ ވައިގެ ސިފައިންގެ އޮފިސަރުންނަކީ ކިހާ ގާބިލްބައެއްކަން އިންޑިއާގެ އިތުރުން މުޅި ދުނިޔެއަށްވެސް ހާމަވެގެން ހިނގައްޖެކަމަށާ އެހެންކަމުން ދެން ޕާކިސްތާނަށް ހަމަލާދިނުމުގެ ކުރިން އިންޑިއާއިން ވެސް ހާސް ފަހަރު ވިސްނާނެ ކަމަށް އެ ރައްޔިތުން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved