

އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން ވެފައި ހުންނަ ވައުދު ފުއްދުމުގެ ޕްލޭން ރާއްވަވާ، ތަންފީޒު ކުރަންވާނީ މަޖިލިސް މެންބަރު ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.
މިފަހުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ ކެމްޕެއިންތަކުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑްތަކާއި، ވައުދުތަކުގެ ރެކޯޑްތައް ބަލަހަށްޓަވާ، ވައުދު ފުއްދުމުގެ ޕްލޭން ރާއްވަވާ، ތަންފީޒު ކުރައްވާނީ، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނުވަތަ މެމްބަރު ކަމަށެވެ.
ހަލީލް މިފަދައިން ވިދާޅުވީ ހޯރަފުއްޓަށް އޭނާ ނިމުނު މަޖިލިސް އިންތިހާބުގައި ގޮސް ވީ ވައުދު ނުފުއްދި ލަސްވާ ސަބަބާއި ގުޅިގެން ސުވާލު ކުރުމުން ނެވެ.
މަޖިލިސް އިންތިހާބުގެ ކެންޕެއިން އަށް ހޯރަފުއްޓަށް ވަޑައިގެން ބޭއްވި އެއްވުމެއްގައި ހަލީލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ދެއްކެވި ކެންޑިޑޭޓް ހޯރަފުށީ ދާއިރާއިން ހޮވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ވުމަށް އެދޭ ކަމަށެވެ.
ހަލީލްގެ ވާހަކަ އަށް ފާޑުކިޔާ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ވޯޓުން އެބުނާ މީހަކު ހޮވުމުން ހަލީލް ގެއްލިއްޖެ ކަމަށާއި ހޯރަފުށީގެ ތަރައްގީ ހުއްޓުނީ ހަލީލް އެދުނުގޮތަށް ދިން ވޯޓަށް ފަހު ކަމަށެވެ.
މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "ކުލަ" ނުޖެހުމެވެ.
ވައުދު ފުއްދުމަކީ މަޖިލިސް މެންބަރުން ކުރައްވަން ޖެހޭ ކަމެއް ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވިއިރު ގިނަ ދާއިރާތަކުގެ ރައްޔިތުންނަށް ވީ ވައުދު ނުފުއްދި ހުރުމުން އެ ދާއިރާތަކުން އަންނަނީ މަޖިލިސް މެންބަރުންނާއި ސުވާލުކުރަމުން ނެވެ.
މިހެންވެ މަޖިލިސް ގިނަ މެންބަރުންނާއި ސަރުކާރާއި އަދި ބައެއް މިނިސްޓަރުންނާއި މިހާރުވަނީ ހިޔާލު ތަފާތުވުން އުފެދި "ކުނި" ޖެހިފަ އެވެ