April 22, 2026
Advertisement
ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ
ސީރިއާގެ އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ / އޭއެފްޕީ

ސީރިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާއިން ނިންމައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 14, 2025, 05:38 PM
މާލެ ސިޓީ

ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 13) - ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު އިއުލާން ކުރައްވައިފި އެވެ.

Advertisement

ޓްރަމްޕް އެގޮތަށް އިއުލާނުކުރެއްވީ ގަލްފުގެ ހަތަރު ގައުމަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ފަހެވެ.

މިވަގުތު ސީރިއާގައި އޮތީ އާ ސަރުކާރެއް. ގައުމު ހަމައަކަށް އަޅުވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރެވޭ. ސީރިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަޅުގަނޑު އަންގާނަން، އެ މީހުންނަށް އާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން،

ޓްރަމްޕު

ޓްރަމްޕް ވިދާޅުވީ އޭނާ މިފަދައިން ނިންމީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ސައުދީ އާއި ތުރުކީން އަބަދުވެސް އަންނަނީ ސީރިއާ އާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލަމުންނެވެ.

އެމެރިކާއިން މި ފިޔަވަޅުތައް އުވާލުމުން ސީރިއާގައި މަސައްކަތްކުރާ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކަށް ދުނިޔޭގެ އިގްތިސާދީ ސިސްޓަމްތަކަށް ފަސޭހައިން ވާސިލްވެވި، ފޮރިން އިންވެސްޓްމަންޓާއި އެ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ފަސޭހަ ވެގެންދާނެ އެވެ.

ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއިން ސޫރިއާއަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، 13 އަހަރަށް ވުރެ ގިނަ ދުވަހުގެ ހަނގުރާމައަށް ފަހު, މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހަނގުރާމަވެރިން ހޯދި ކުއްލި ކުރިއެރުންތަކުގައި ބައްޝާރު މަގާމުން ދުރުކޮށްފައިވާއިރު، ސީރިއާގެ އާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު އެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން އަލުން އާރާސްތު ކުރަން މަސައްކަތް ފަށައިފަ އެވެ.

ހަނގުރާމަ ފެށުމާ އެކު ވޯލްޑް ބޭންކުން ވަނީ ސީރިއާގެ އޮޕަރޭޝަންތައް މެދުކަނޑާލައިފަ އެވެ. ވޯލްޑް ބޭންކަށް ދަރަނި އަދާކުރުމުން މާލީ އެހީތެރިކަމާއި ފަންނީ ލަފާ ހޯދުމުގެ ފުރުސަތު ސީރިއާއަށް އަލުން ލިބިގެންދާނެ އެވެ.

ސީރިއާ އިން އަންނަނީ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ގައުމު އާރާސްތުކުރުމަށް ގަލްފުގެ މުއްސަނދި ގައުމުތަކުގެ އެހީ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved