

އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެގްޒެކެޓިވް އަމުރެއްގައި ޑޮނަލްޑް ޓްރަމްޕް ސޮއިކުރަން ނިންމާފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކަރޯލީން ލީވިޓް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އެ ފިޔަވަޅުގެ ސަބަބުން ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ބައިވެރިންނާއި އިންސާނީ ހައްގުތަކާ ހިލާފުވާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ކެމިކަލް ހަތިޔާރުގެ އޮޕަރޭޝަންތަކާ ގުޅުން ހުރި ފަރާތްތަކާއި އިސްލާމިކް ސްޓޭޓާ އަދި އައިއެސްއާ ގުޅިފައިވާ ޖަމާއަތްތަކާއި އީރާނުގެ ޕްރޮކްސީތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޖާގަ އެމެރިކާއަށް ލިބިގެންދާނެ އެވެ.
މިދިޔަ މެއި މަހު ރިޔާޒުގައި ޓްރަމްޕް ސިރިއާގެ ރައީސް އަހުމަދު އަލް ޝަރާ ބައްދަލުކުރައްވައި ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވި އެވެ.
އެމެރިކާއިން ސީރިޔާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ބުނީ އީރާނާއި އިސްރާއީލު ހަނގުރާމައިގެ ސަބަބުން ސީރިޔާ އާއި ލުބުނާނަށް އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމުކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.
ޓެރަރިޒަމްގެ ތުހުމަތުތަކާ އެކު 1979 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ދަނީ ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ނަމަވެސް ޓްރަމްޕް ސަރުކާރުގެ މި ނިންމުންތަކާއިއެކު ސީރިއާގެ ފޮރިން މިނިސްޓަރު އައްސާދު އަލް ޝިބާނީ ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހުރިހާ ކަމެއް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ނިންމުމެކެވެ.
ސީރިއާގައި 25 އަހަރަށް ދިގުދެމިގެން ގޮސްފައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން، ޑިސެމްބަރު 8، 2024 ގައި ވައްޓާލައި ވެރިކަމާ ހަވާލުވެފައި ވަނީ ހަޔާތު ތަހުރީރުއްޝާމް (އެޗްޓީއެސް) ގެ ހަނގުރާމަވެރިންނެވެ.
އެޗްޓީއެސްގެ ލީޑަރުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ޝައްރާއު، ސީރިއާ މިނިވަންކުރެއްވުމަށް ފަހު އެ ގައުމުގެ ލީޑަރުގެ މަގާމަށް ވަޑައިގަތީ އެވެ.
ސީރިއާގެ ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ޝައްރާރު ވަނީ ގައުމު ބިނާކުރެއްވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސީރިއާ ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުެރެވޭނީ ސައޫދީއަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސީރިއާ އަލުން ބިނާކުރުމަށް އަރަބި އެކުވެރިން -- ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި މިސްރު ފަދަ ގައުމުތަކުން އެހީތެރިން ފޯރުކޮށްދޭނެ ކަމަށް އޮތީ ބުނެފަ އެވެ.