އީދަށް ބޭނުން ކުރާ ލައިޓު / މިހާރު
ހަބަރު
ހަރަދު ކުޑަ ކުރުމަށް އައިއެމްއެފް އިން ކެނޑި ނޭޅި އިލްތިމާސްކުރަމުން ދަނިކޮށް މި އަހަރުގެ އީދަށް ރަށްތައް ދިއްލުމަށް 28 މިލިއަން ރުފިޔާ
Hussain Nawaf
ހުސައިން ނަވާފް
22 ފެބްރުއަރީ 2025
މާލެ ސިޓީ

ހަރަދު ކުޑަ ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އިން ކެނޑި ނޭޅި އިލްތިމާސްކުރަމުން ދަނިކޮށް މި އަހަރުގެ އީދަށް ރަށްތައް ދިއްލުމަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށް، އިތުރު 36 ރަށަށް އީދު ލައިޓު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަ ކުރުމުންނެވެ.

މި ލައިޓުތަކަކީ ހަމައެކަނި ޢީދަށް ދިއްލަން ގެންނަ އެއްޗެހި ނޫން ކަމަށާއި ޖުލައި 26 ފަދަ ދުވަސް ތަކުގައި ބައެއް ރަށްތަކުން އެ ލައިޓުގެ ބައިތައް ބޭނުންކޮށްފައި ހުރި ކަމަށް ވަޒީރު ވަނީ ވިދާޅުވެފި އެވެ.

ދައުލަތުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved