

އިންސާނީ އަދި ކުށްވެރިންނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މުއާހަދާތަކުން ލިބިދޭ ގިނަ ހައްގުތަކެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރައްވައިފި އެވެ.
ރައީސް، ބިލް ތަސްދީގުކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމަށާއި، ހައްޔަރު ކުރުމަށާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމަށް ހާއްސަ ބާރުތަކެއް މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް މި ބިލުން ވަނީ ދީފަ އެވެ.
މި ގާނޫނުގެ ދަށުން، މާރާމާރީ ހިންގައިގެން މީހަކު މަރުވެއްޖެނަމަ، މަރުގެ އަދަބު ނުވަތަ 25 އަހަރަށް ޖަލަށްލުމާއެކު 3 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި މީހަކު ކިޑްނެޕްކޮށްފިނަމަ، 15 އަހަރަށް ޖަލަށްލުމާއެކު 1 މިލިއަނާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.
ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލްގައި ބުނެފައި ވަނީ ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އޭނާއަކީ ގޭންގް މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށްކުރާ ގޭންގްތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެ އެވެ.
މި ގާނޫނުގައި "އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕު" މާނަކޮށްދީފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ، ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕުތަކެވެ. މިފަދަ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ.
މީގެ އިތުރުން، ބޮޑެތި ކުށްތަކުގެ ތުހުމަތުގައިވާ މީހުންނަށް ލިބޭ ބައެއް ހައްގުތައް ހަނިކޮށް، ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވެ އެވެ. މިގޮތުން، ބައެއް ހާލަތްތަކުގައި ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް މީހުން ހައްޔަރުކުރެވޭނެ އެވެ.