އިދިކޮޅު ކޮލިޝަނުން ބޭޭއްވި ހޯޕް ކޮންފަރެންސްގައި ވަހީދާއި މުއިއްޒު. / ދައުރު
ހަބަރު, ސިޔާސީ
ބުނި ބަސް ؛ މުއިއްޒަކީ ސެނެޓުގެ ވޯޓު ގަނެގެން ނުކުމެ ހުރި އެމްޑީޕީގެ އެޖެންޓެއް: ވަހީދު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 މޭ 2025
މާލެ ސިޓީ

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 19 އޮގަސްޓު 2023 ވަނަ ދުވަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅަކަށެވެ.

ރައީސް ޔާމީންގެ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވުމަށް ފަހު، މުއިއްޒަށް ޓިކެޓް ދިނުމާ އެކު ޕީޕީއެމުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންނެވި ވަހީދު މި ވާހަކައެއް ދެއްކެވީ، ށ. ގޮއިދޫގައި ޖޭޕީން ބޭއްވި ކެމްޕެއިން ޖަލްސާ އެއްގައި އެވެ.

ވަހީދު އެދުވަހު ވިދާޅުވީ އެފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ގާސިމް ފިޔަވައި ވޯޓު ދޭން ޖެހޭ ވަރުގެ އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނެވި ކަމަށް ބައެއް މީހުން ބުންޏަސް، ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ކަމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަދަކު ނެތޭ. މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި، އެމްޑީޕީ މީހުން ބުނާ ގޮތުން ވިއްޔާ، އެ ބޭފުޅުންގެ އެޖެންޓެއް. އެ މީހުން ފައިސާ ދީގެން [ސެނެޓުގެ] 25 ވޯޓު ގަތް ބޭފުޅެއް

- ވަހީދު

އެއް ފަރާތުގައި ހުންނެވީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ދެން ހުންނެވި މައި އިދިކޮޅު ކެންޑިޑޭޓަކީ ވެސް އެމްޑީޕީގެ އެޖެންޓެއް ކަމަށް ވަހީދު އެ ދުވަހު ތުހުމަތުކުރެއްވި އެވެ. އެހެންކަމުން، ހަގީގަތުގައި އިދިކޮޅު ކެންޑިޑޭޓަކު ނެތް ކަމަށާއި، ގާސިމް ފިޔަވައި ވޯޓު ދޭން ޖެހޭ ވަރުގެ ބޭފުޅަކު ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. ވަހީދު އަކީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ވަހީދު އެ މަނިކުފާނުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވަހީދު ވަނީ ސަރުކާރަށް ހިދުމަތް ކުރެއްވުމަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ މަނިކުފާނަށް ހަވާލުކުރެއްވި ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވި އެވެ.

ވަހީދު ކުރިން ވިދާޅުވެފައި ވަނީ ކޯޓު ހުކުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިނުގަތުމުން އެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެކަމަކު އެހެން އެކަން ނުކޮށް، ޕީޕީއެމްއަށް 10 އަަހަރުވަންދެން ކޮށްދެއްވި މަސައްކަތްތަކަށް އިހުތިރާމް ނުކުރި ކަމަށް ވަހީދު ވިދާޅުވި އެވެ.

މި ވެރިކަމުގައި މިހާތަނަށް ވަކި މަގާމެއްގައި ނުހުންނެވި ނަމަވެސް އެކި ހަފުލާތަކުގެ ކުރީ ސަފުން ރައީސް މުއިއްޒު އާއެކު ވަހީދު ފެނިގެން ގޮސްފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved