theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
ވަހީދުގެ ވެރިކަމުގައި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ކުޑަކުދިންނާ ބެހުނު އެޕްސްޓީންގެ އެހީތެރިކަން ހޯދި
29 އޯގަސްޓު 2025

މުއިއްޒުގެ އެޑްވައިޒަރު، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދިނުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީން ގެ އެހީތެރިކަން ހޯދިކަން ހާމަވެއްޖެއެވެ.

ވަހީދުގެ ވެރިކަމުގެ ތެރެއިން އެޕްސްޓީން އާއި ބައްދަލުކުރިކަން އެނގެން އޮތީ އެމެރިކާގެ ކޯޓެއްގައި ހިނގި ދައުވާއެއްގެ ލިޔެކިޔުންތަކުންނެވެ. އެއީ އެޕްސްޓީން ސެކްސް ޓްރެފިކިންގެ ބޭނުންތަކަށް އަދި އޭނާގެ ގާތް މީހުންނަށް ފައިސާ ބެހުމަށް އެހީތެރިވެދިން ކަމަށް ބުނެ ޖޭޕީ މޯގަން ޗޭސް ބޭންކް އާއި ދެކޮޅަށް ކުރި ދައުވާ އެވެ.

އެގޮތުން ޖުލައި 28، 2012 ގައި ލޯނު ހޯދުމުގައި އެހީތެރިކަމަށް އެދި ވަހީދު ފޮނުވި މެއިލްގައި ވިދާޅުވެފައިނީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި މަޝްވަރާ ކުރެއްވި ކަމަށާއި ލޯނު ބޭނުންވަނީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.

އެ ވަގުތު ދުނިޔޭގެ މާލީ ހާލަތު އޮތް ގޮތުން ލޯނު ހޯދުމުގެ އެޕްސްޓީން އަށް ކުރެވޭނެ ކަމެއް އަންގައި ދިނުމަށާއި އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވަހީދު ލިޔުއްވާފައިވެ އެވެ. ވަހީދުގެ މެއިލް، އެޕްސްޓީން ފޯވާޑު ކުރި ކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ބުނަނީ އޭރު ޖޭޕީ މޯގަންގެ ކޯޕަރޭޓް އެންޑް އިންވެސްޓްމަންޓް ބޭންކުގެ ސީއީއޯ ޖެސް ސްޓޭލީ އަށެވެ.

އެޕްސްޓީން އަށް މެއިލް ފޮނުވިތާ މަހެއް ފަހުން އޮގަސްޓު 31، 2012 ގައި ޗައިނާއިން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ. އެ ހަބަރު ބައިނަލްއަގުވާމީ މީޑިއާ، ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާއިރު އެ ކަމަށް ކޯޓުގައި ރިއާޔަތްކޮށްފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުކަން 1999 އިން 2001 އަށް ކުރި އިހުދު ބަރާކްގެ އީމެއިލްތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ޓެލެގްރާމްގައި ލީކުކޮށްލާފަ އެވެ. އެކަން ކުރި ކަމަށް ބެލެވެނީ އީރާންގެ އިންޓެލިޖެންސް ހިދުމަތްތަކާ ގުޅުން އޮތް ހެކަރުންގެ ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 2007 އިން 2016 އަށް އޭނާ ކޮށްފައިވާ އެެއްލައްކަށްއަށްވުރެ ގިނަ އީމެއިލް އެވެ.

އެ ތާރީހާ ހަމައަށް ރާއްޖޭގައި ރައީސަކަން ކުރެއްވި ތިން ބޭފުޅަކު ތިއްބެވި އެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ވަހީދު އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކީ އެޕްސްޓީންއާ ގުޅުމެއް އޮތްކަން ހާމަވެފައިވާ ބޭފުޅުންނެއް ނޫނެވެ.

ނަޝީދު ވަނީ އެޕްސްޓީން އާއި ބައްދަލުކުރިކަން ދޮގުކުރައްވާފަ އެވެ. އަދި، އެކަން ކުރީ ވަހީދު ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއް ހިއްސާކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved