
ރާއްޖޭގެ ކުރީގެ ރައީސް، އަދި މި ސަރުކާރުގެ ކުރިގެ އެންވޯއީ ޓު ދަ ޕްރެސިޑެންޓު ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް ގޮވާލައިފިއެވެ.
މިފަދައިން ގޮވާލާފައިވަނީ ކުރިގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ޤާނޫނީ އަދި އަޚްލާޤީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާއިރު ރަނގަޅު ކަމެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް ވަހީދު، ޕީޑޯފިލް އެޕްސްޓައިން އާއި ގާތް ގުޅުމެއް އޮތުމާއި އެކު، އޭނާގެ އަތުން އެކި ގޮތްގޮތުން މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން މޯލްޑިވްސްގައި ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ވެސް ހުށަހެޅި ކަން މިހާރު ސާފުވާއިރު މި އަމަލުތަކަކީ ގާނޫނު އަސާސީގެ 119 ވަނަ މާއްދާއާ ސާފުކޮށް ހިލާފުވުމުގެ އިތުރުން ރަސްމީ މަގާމުގެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތެރެއިން އިނާޔަތްތައް ހޯދުމާ ގުޅޭ ޖިނާއީ ކުށްތަކެއް ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
މިފަދަ ހާލަތްތަކުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ލޯޑް މެންޑެލްސަންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ޕްރައިވީ ކައުންސިލުން ވަކިކޮށް، އޭނާގެ ލަގަބު އަނބުރާ ގެންދިޔަކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް ވަހީދަކީ ޖިނާއީ ކުށްތަކާއި ނުބައި އަމަލުތައް ވެރިކަމުގައި ހުންނަވާ ހިންގެވި ބޭފުޅެއް ކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން ތަފާތު ކުރުމެއް ނުވަތަ އިންސާފުގެ މަގުގައި ހުރަހެއް ނެތި ރައީސް ވަހީދު ތަހުގީގު ކުރަން ޖެހޭ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި ކަން ފަޅާ އެރުމުން ރައީސް ވަހީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.










