theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސްގެ އެޑްވައިޒަރު އެޕްސްޓެއިންއާ އޮތް ހާއްސަ ގުޅުން: މިވަރުން ދޭ އެޑްވައިޒް ރަނގަޅުވާނެތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސްގެ އެޑްވައިޒަރު އެޕްސްޓެއިންއާ އޮތް ހާއްސަ ގުޅުން: މިވަރުން ދޭ އެޑްވައިޒް ރަނގަޅުވާނެތަ؟
Yana Shareef
ޔާނާ ޝަރީފް
02 ފެބްރުއަރީ 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ބޭއްވެވި ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހުރިހާ ކަމެއް އޭނާއާ ހިއްސާކުރައްވައި އާދަޔާ ހިލާފު ގާތް ގުޅުމެއް ވެރިކަން ކުރި އިރު ބޭއްވިކަން ފަޅައެރީ އިހަކަށް ދުވަހުއެވެ. ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ގެންދެވީ ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރާއި ރައީސްކަމުގައި ހުންނެވި އިރު އަދި ވެރިކަން ނިިމުނު ފަހުން ވެސް ރާއްޖޭގެ ވަރަށް ތަފްސީލު އަދި ހައްސާސް މައުލޫމާތުތައް ވެސް އެޕްސްޓެއިންއާ ހިއްސާ ކުރަމުންނެވެ.

އެ މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދާއި އެޕްސްޓެއިންގެ ގުޅުން 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެހެންކަމުން، މިއީ އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެކެވެ.

މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ވަހީދު މިހާތަނަށް ވާހަކަ ނުދެއްކި ނަމަވެސް ބިތު ފަންގި ނެގީމަ މިއޮތީ ކެޔޮ ކެއިވަރު ހާމަވެފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަހީދު އެތައް މެއިލްއެއް ފޮނުއްވާފައި ވާއިރު، އެޕްސްޓެއިން އެންމެ ފާހަގަކޮށްލެވޭ އެއް އީމެއިލަކީ 2013 ވަނަ އަހަރުގެ  ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ފޮނުއްވި މެއިލެކެވެ. ވަހީދު އެ މެއިލްގައި ވިދާޅުވެފައި ވަނީ މައުމޫން ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށެވެ.

މީގެ އިތުރުން 2018 ގައި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި ކުރީގެ ރައީސް ނަޝީދު ޖަލުން ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައިވެ މެއިލް ހިމެނެއެވެ.

ލީކުވި މެއިލްތަކުން އެނގޭ ގޮތުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް އެޕްސްޓެއިންއާ ގުޅިގެން ކުރިއަށް ގެންދަވަން ވަހީދު އުޅުއްވއެވެ. އަދި އެކަމާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއް ހަދައި ހިއްސާކުރެއްވިކަން ވެސް ހާމަވެއެވެ.

އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.

އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެއެވެ.

މީގެ ކުރިން ހާމަކުރި އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ކައިރިން އެޑްވައިޒް ހޯދި މީހަކު ގައުމުގެ ވަލިއްޔުލް އަމްރަށް އެޑްވައިޒް ދޭން އައްޔަންކޮށް ބެހެއްޓުން މިއީ ބޮޑު ޖޯކެކެވެ. މުޅި މީހާގެ އަބުރު ކަތިލެވުނު އިރުވެސް އުފް ވެސް ބުނެ ނުލައެވެ. ސަރުކާރުން ވެސް އެއްޗެއް ބުނެ ނުލައެވެ. ސަރުކާރުގެ ގިނަ މަގާމުތަކުގައި ތިބޭ މީހުންގެ ފަތްފުތް ބަލާލީމާ ފެންނާނީ ހަަމަ މިފަދަ ކަންކަމެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved