ސުޕްރީމު ކޯޓަށް ސަލީމު ކުރިމަތިލެއްވީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް، ސަލީމުއަކީ މެމްބަރު އަސްލަމްގެ ކޮއްކޮ! / ތޭރަގްރެފިކްސް
ހަބަރު
ސުޕްރީމު ކޯޓަށް ސަލީމު ކުރިމަތިލެއްވީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް، ސަލީމުއަކީ މެމްބަރު އަސްލަމްގެ ކޮއްކޮ!
Mariyam Isaadha
މަރިޔަމް އިސާދާ
28 މޭ 2025
މާލެ ސިޓީ

ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހއްމަދު ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ކަން ތޭރަ އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި ސަރުކާރުގެ އޮފިޝަލަކު ތޭރަ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ސަލީމު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމާ އެކު ނޫން ކަމަށެވެ. އެގޮތުން ސަލީމު ސުޕްރީމު ކޯޓަށް ކުރިމަތިލުމަށް ރައީސް މުއިއްޒު އެންގެވީ ފޯނުން ގުޅުއްވާ އަދި އެއަށް ފަހު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް މެދުވެރިކޮށް މެސެޖު ޕާސްކުރައްވައިގެން ކަމަށެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަސްލަމަކީ ފަނޑިޔާރު ސަލީމުގެ އެއްބަޑު އެއްބަފާ ބޭބޭފުޅު ކަމަށާ ސަލީމު, ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ލަސްކުރި ކުރުމުގެ އިނާމެއްގެ ގޮތުން ސަލީމަށް ފަނޑިޔާރުކަން ދެނީ ކަމަށް ވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ސަލީމަކީ ސުޕްރިމު ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުތު ވެސް ހަމަނުވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބާތިލު ވަންދެން ސަލީމު ރާއްޖެއިން ބޭރުގައި މަޑު ކުރެއްވި ކުރެއްވުމުގެ ބަދަލެއްގެ ގޮތުގައި ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަން ދެއްވަން ރައީސް މުއިއްޒު ނިންމެވީ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީއިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މިއަދު އޮތް ބައްދަލުވުމުގައި ނިންމާފައިވެއެވެ. މިގޮތަށް ނިންމީވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަކަށް ވެއެވެ.

ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެއެވެ. މާއްދާ ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެއެވެ.

އެހެންކަމުން ސަލީމުގެ ޝަރުތު ހަމަނުވި ނަމަވެސް ގާނޫނާ ހިލާފަށް އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ނިންމަން ލަފާދޭން ޖޭއެސްސީއިން ނިންމީ ނުފޫޒުގައި ޖެހިގެން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

މިއާއެކު މިހާރު ޖޭއެސްސީއިން ވަނީ ވަކީލުކަމުގެ ހުއްދަ ލިބުނުތާ 7 އަހަރުވެފައިވާނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާނެ ކަމަށް ނިންމާފަވެސް މެއެވެ.

ސަލީމުއަށް ގުޅުއްވާ ރައީސް ޔާމީންގެ މައްސަލަ ލަސް ކުރައްވަން އޭރު އެންގެވީ މިއަދުގެ ރީޖަނަލް އެއާޕޯޓުސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންކަމަށްވެސް ކުރިން މައުލޫމާތު ލިބިފައިވެއެވެ. ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށާ ރައީސް ޔާމީންއަށް ނުހައްގުން ހުކުމް ކުރި ފަނޑިޔާރުންނަށާ އަދި އަނިޔާވެރިވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައިސް ޕީއެންސީގެ ސަރުކާރުން ވީ ހަރާންކޯރު ކަމަށް ގިނަ ދިވެހި ރައްޔިތުން ބުނަމުން ދެއެވެ. އެގޮތުން ރައީސް ޔާމީންގެ ޝަރީއަތަށް އޭރުގެ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ތެރެއިންވެސް ނުފޫޒު ފޯރުވިކަން އެނގިފައިވާކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved