
ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިހާރު ފެންވަރު ރަނގަޅު ފަނޑިޔާރުން ނެތް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މި ސަރުކާރުން ޖޭއެސްސީއަށް ނުފޫޒު ފޯރުވާ، ފަނޑިޔާރުގެތަކަށް އަތް ބާނައިގެން ފަނޑިޔާރުން ކޯޓުތަކުން ބޭރުކޮށްފައިވާ ވުމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޖަލްސާގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ދެއްކެވި ވާހަކައިގައެވެ.
އެމަނިކުފާނު ވިދާޅުވީ، ކޯޓުތަކުގައި ފެންވަރު ރަގަޅު ތައުލީމީ ގާބިލު ފަނޑިޔާރުން ތިބި ކަމަށާ ނަމަވެސް ރައިސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުންނާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މިސަރުކާރު އައިސް، ސަބަބުތައް ދައްކައިގެން އެ ފަނޑިޔާރުން ބޭރުކޮށްފައިވާ ކަމަށެވެ.
ޕާޓީން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި ކުރިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރު ކަމަށް ބޭނުންވަނީ ހަަމައެކަނި ޝަރީއާ އެންޑް ލޯ ހަދާފައި ތިބި މީހުން ނޫން ކަމަށެވެ. ބޭނުން ވަނީ ބައިނަލްއަގުވާމީ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގާނޫނުތައް ވެސް އެނގޭނެ މީހުން ފަނޑިޔާރުންގެ ގޮތުގައި ތިބުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޯޓުތަކުގައި މައްސަލަތައް ނުހަނު ދިގުލައިގެންދާކަން ފާހަގަކުރައްވާ ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފަނޑިޔާރުން ވެސް މައްސަލަތަކުގެ މަތީގައި އެ މައްސަލަތައް ފީކުރަން ތިބެން ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ.










