އެހީ ވެއްދުމަށް ހުރަސް އަޅާތީ ޣައްޒާއަކީ ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދަށް ވެއްޖެ / ރޮއިޓަރސް
ދުނިޔެ
ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދަށް ޣައްޒާ!
Mariyam Isaadha
މަރިޔަމް އިސާދާ
30 މޭ 2025
މާލެ ސިޓީ

ޣައްޒާއަކީ ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދު ކަމަށް އދ. އިން ބުނެފިއެވެ.

މިފަދައިން ހާމަކޮށްފައިވަނީ، އދ.ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ)އިންނެވެ.

އދ. އިން ހާމަކުރި ގޮތުގައި ހައްދު ފަހަނަ އަޅާފައިވާ ސަހްޔޫނީން ފަލަސްތީނުގެ ޣައްޒާއަށް އެހީ ނުވެއްދޭ ގޮތަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުގެ ސަބަބުން ޣައްޒާއަކީ ދުނިޔޭގައި އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ސަރަހައްދުގެ ގޮތުގައި ވެފައިވާ ކަމަށެވެ.

އޯސީއެޗްއޭގެ ތަރުޖަމާނު ޖެންސް ލާރްކޭ ހާމަކުރި ގޮތުގައި ޣައްޒާއަށް އިންސާނީ އެހީގެ މަދު މިންވަރެއް ފިޔަވައި އެހެން ހުރިހާ އެހީއެއް ފޯރުކޮށްދިނުމަށް ނިރުބަވެރި ސަހްޔޫނީން ގެންދަނީ ހުރަސް އަޅަމުންނެވެ.

ދުނިޔޭގައިވާ އެންމެ ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ތަނަކީ ޣައްޒާކަން ސިފަކުރައްވާ ޖެންސް ލާރްކޭ ވިދާޅުވީ، ޣައްޒާއަށް ކާބޯތަކެތީގެ ބާވަތްތައް ވަރަށް މަދުން ނޫނީ ނުލިބޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަހްޔޫނީންނާ ޣައްޒާއާ ދެމެދު އޮންނަ ބޯޑަރު ފެންސަށް ވަނުމަށް ދިޔަ 900 އެހީގެ ތެރެއިން ޣައްޒާއަށް ވަދެފައި ވަނީ އެންމެ 600 ޓްރަކަށް ކަމަށެވެ. އެ ހިސާބުގެ ސެކިއުރިޓީ ގޮންޖެހުންތައް ސަަބަބުން ރައްކާތެރިކަމާއެކު އެ ސަރަހައްދަށް އެހީ ފޯރުކޮށްދިނުމަކީ ގާތްގަނޑަކަށް ނާދިރު ކަމެއް ކަމަށްވެސް ޖެންސް ލާރްކޭ ވިދާޅުވެފައިވެއެވެ. އަދި ޣައްޒާގެ ހުރިހާ އާބާދީއަކަށް ވެސް ވަނީ ކާރިސާގެ ނުރައްކާ ކުރިމަތިވެފައިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޯސީއެޗްއޭ އިން މިފަދައިން ހާމަކޯށްފައިވާއިރު، ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީން އެ ސަރަހައްދަށް އެތަކެތި އެތެރެކުރުމުގެ ފުރުސަތު ދީފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ކުރިން ވިދާޅުވެފައިވެއެވެ.

ގުޓެރެސް ވިދާޅުވެފައި އޭރު ވިދާޅުވެފައިވަނީ ސަހްޔޫނީން ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ އެހީ ފޯރުކޮށްދިނުމަށް ވެސް 80 ވަރަކަށް ދުވަސް ވަންދެން ހުރަސްއަޅާފައި ވާކަމަށެވެ.

މީގެއިތުރުން، ސިއްހީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް އަދި އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށްވެސް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ. އަދި ތެލާއި، ހިޔާވަހިކަމާއި، ކައްކާ ގޭހާއި، ފެން ސާފުކުރުމަށް ބޭނުންވާ ސާމާނު" އެތެރެކުރުމަށްވެސް ހުރަސްއަޅާފައިވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އޭރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved