ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން އަދި ތާވަލްކުރެވިފައި ނެތް ކަމަށް އެ ކޯޓުން ބުނެފިއެވެ.
ޗެނަލް 13 އަށް މައުލޫމާތު ދެމުން ހައި ކޯޓްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އަކީ ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ނިމިފައިވާއިރު މައްސަލައިގެ ހުކުމް އިއްވުން ލަސްވަމުންދަނީ ފަނޑިޔާރުންގެ ބެންޗުން ގޮތެއް އަދި ނުނިންމަވާތީ ކަމަށްވެސް މައުލޫމާތު ދެމުން މީޑިޔާ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އަދި ހައި ކޯޓްގެ ނަޒަރިއްޔާތުން ލަސް ނުވާކަމަށެވެ. ސަބަބަކީ އެޔަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް އަދިވެސް އެ ކޯޓްގައި ބަލަމުން ގެންދަވާތީ ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި 3 ބަޔެއް ހިމެނޭ ކަމަށާއި އެ ތިން ބައި ފަނޑިޔާރުންގެ ބެންޗުން ބަލާނީ ތިން ބައި ތިން ފަނޑިޔާރަށް ބަހާލައިގެން ކަމުން، ފަނޑިޔާރުންގެ މެދުގައި ހިޔާލް ތަފާތުވުމުން ވެސް ހުކުމް އިއްވުމުގެ އަޑުއެހުން ލަސްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗައް އިއްވާފައި ވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ. އަދި އަމނިކުފާނުގެ މައްސަލަ ހަގީގަތުގައި ލަސްވަމުން ދަނީ ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވަމުން ގެންދަވާތީ ކަމަށްވެސް އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ރައީސް ޔާމީންގެ ފޮޓޯ ފުޅާއި ނަންފުޅު ބޭނުންކުރައްވައިގެން އެމަނިކުފާނުގެ މައްޗައް ކުރީ ސަރުކާރުން އިއްވާފައިވަނީ ހަރާން ހުކުމެއެް ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަން ލިބުމުން ރައީސް ޔާމީންގެ މައްސަލަ އަވަސްކުރުމުގައި ސަރުކާރުގެ އެއްވެސް ބޭފުޅަކު ނޫއުޅުއްވާތީ ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.