ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ - / ރައީސް އޮފިސް
ހަބަރު
ރައީސްގެ ދެކަނބަލުން ބޮޑު ވަފުދަކާއި އެކު ހައްޖަށް، ވިދާޅުވީ ހައްޖު ކިއު ނުފަޅާކަމަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 މޭ 2025
މާލެ ސިޓީ

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ހައްޖު ވަފުދުގައި ސަރުކާރުގެ ބޮޑު ވަފުދެއްވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. ރައީސް އޮފީހުން ބުނީ، ރައީސާއި އަރިހުގައި ވަޑައިގަންނަވާ ވަފުދުގެ ބޭފުޅުން އެ ގައުމުގައި ތިއްބަވާނީ ވެސް ސައުދީ ސަރުކާރުގެ ހާއްސަ މެހެމާންދާރީ ކަމުގެ ދަށުގައި ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެކަނބަލުންނާއި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުﷲ ރާފިއުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ރައީސާއެކު ވަޑައިގަންނަވާ ވަފުދުގައި ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސްގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތްވަނަ އެޕިސޯޑުގައި އިއްޔެ އެމަނިކުފާނު ވިދާޅުވީ ހައްޖަށް ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ކަމަށާއި އެ ދަތުރަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.

ރާއްޖެ އަށް ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން ރައީސް ހައްޖަށް ވަޑައިގަންނަވާ ކަމަށް ވާހަކަ ދެކެވޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އޮތް ހައްޖުގެ ދިގު ކިއު ފަޅާ، ކުރިން ފައިސާ ދައްކާފައި ތިބި މީހުން ފަހަތަށް ޖައްސާ ސީޔާސީ ގޮތުން ލިސްޓަށް މި ސަރުކާރުން ކުޅޭ ކަމުގެ އަޑުތައް މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ގަދައެވެ.

ރައީސް ބޮޑު ވަފުދެއް ބައިވެރިކޮށްގެން ހައްޖަށް ފުރުއްވިއިރު، ހައްޖަށް ދިއުމަށް ފައިސާ ދައްކާ ނަމަވެސް ނުދެވި އެތަށް އަހަރެއްވެފައިވާ އެތައް ހާސް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ.

ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 25 ނުވަތަ 30 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް ރައީސް މުއިއްޒު ސަރުކާރުން މި އަހަރު ވަނީ އެ މުއްދަތު އެންމެ 15 ދުވަހަށް ކުޑަކޮށްފަ އެވެ. ހައްޖު ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައެއް ނުވެ އެވެ.

މި ޝަކުވާ ވެސް ހާޖީން އަންނަނީ ކުރަމުން ނެވެ. ނަމަވެސް ސަރުކާރުން މިކަމަށް ޖަވާބެއް ނުދެއެވެ.

ހައްޖު ދުވަހަކީ އަންނަ މަހުގެ 5ވާ ބުރާސްފަތި ދުވަހެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved