

ލ. ގަމުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި ލ. ގަން ލިންކް ރޯޑުން ދުއްވާފައިދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ސައިކަލް ދުއްވަން އިން 44 އަހަރުގެ ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، ބޯ ފެޅި، އިތުރު އަނިޔާވެފައިވާ ކަމަށާއި އަދި ސައިކަލުގެ ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި، ކަނާތު ފައި ދެ ތަނަކުން ބިނދި އިތުރަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ފިރިހެން މީހާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.
ފުލުހުން ބުނެފައި ވަނީ މި މައްސަލަ އިތުރައް ތަހުގީގު ކުރަމުން ދާ ކަމަށެވެ.