

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ ދެބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގަ އެވެ. އެ ރަސްމިއްޔާތުގައި އެބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓް ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެވެ.
މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ހަމީދަށް ރުހުން ލިބުނީ 60 މެންބަރުންގެ ތާއީދާ އެކު އެވެ. ސަލީމަށް 61 މެންބަރަކު ރުހުން ދީފައިވެ އެވެ. އެމްޑީޕީގެ މެންބަރުން މި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
ނަމަވެސް ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެ އެވެ.
އެހެންކަމުން ސަލީމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާޜުކަމުގެ ހުވާ މިއަދު އެ ކުރެއްވީ އޭނާގެ ޝަރުތާއި މެދު ގާނޫނީ ބަހުސެއް ހިގަމުން ދަނިކޮށެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން ވެސް އދ. އިން އެންގި އެވެ.
އެ މައްސަލައިގައި ޖަވާބުދާރީވަމުން ދިވެހި ސަރުކާރުން ބުނެފައި ވަނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންތައް ހަދަނީ ދޮގު ކަމަށާއި ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.