theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު: / އިމިގްރޭޝަން
ހަބަރު
ޝަމްއާންގެ ބަންދާ ގުޅޭ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖޫން 2025
މާލެ ސިޓީ

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި މިއަދު ފަށައިފި އެވެ.

ސްޕްރީމް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

ޝައްމާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައި ވާތީ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުން، އެ މަޖިލީހުން ނިންމީ ޝަމްއާންގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ހިންގަން ނިންމައި، ރަޖިސްޓްރާގެ ނިންމުން ބާތިލްކުރި އެވެ.

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.

ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.

ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ދައުވާފައި އެދިފައި ވެ އެވެ.

ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.

ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހު އެވެ.

ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ. އެއީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުމުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved