މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ގއ.ގެމަނަފުއްޓަށް ވަޑައިގެން ތަކުރާރު ކުރެއްވީ ރިޔާސީ އިންތިޚާބްގެ ކެމްޕެއިންގައިވެސް އެރަށަށް ވަޑައިގެން، ވެވަޑައިގެންނެވި ވައުދުތައް ކަން ހާމަވެއްޖެއެވެ.
އެގޮތުން ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމަށް ވިސްނައިގެން ގެމަނަފުއްޓަށް ތަރައްޤީ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ރިޔާސީ އިންތިޚާބްގެ ކެމްޕެެއިން ކުރައްވަން އެ ރަށަށް ވަޑައިގެން ރައްޔިތުންނަށް ބަނދަރުގެ ހުވަފެން ދައްކަވާފައެވެ.
ހަމަ އެއާއެކު މިއަދު ގެމަނަފުށީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލު ކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ތަފުޞީލީ ގޮތެއްގައި މަޝްވަރާކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއިރު މިކަންކަމަކީ މީގެ ކުރިންވެސް ކުރައްވާފައިވާ ކަންކަމެވެ.
ވެރިކަމަށް ވަޑައިގެން ފަހުން ވެސް އެތައް މަސްވެފައިވާއިރުވެސް އެރަށުގެ ބަނދަރު ތަރައްގީކުރުމުގެ އެއްވެސް މަސައްކަތެއް ފައްޓަވާފައިނުވެއެވެ.
ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައީސް މުއިއްޒު ތަކުރާރު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބާވެސް ދިމާކޮށް ވެވަޑައިގެންފައި ހުރި ވައުދުތައްކަމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.