

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ މުޅި ސަރުކާރުގެ އަގު އަމިއްލައަށް ވައްޓަމުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު(ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވި ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސޯދީ ވަޒީރު، މުހައްމަދު ސައީދު ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތައް މޮޅުވެފައި އާރުލާނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަންކަން ސަރުކާރުގެ އަމަލުންނާ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުފެންނަކަން މަލީހު ފާހަގަކުރެއްވިއެވެ.
މަލީހު ވިދާޅުވި ގޮތުގައި ސަރުކާރުން ބައިސާ ކަނޑފައި އެއްވެސް ކަމެއް ނުވުމުން އޭގެން ދޭހަވަނީ ސަރުކާރުގެ ސިޔާސަތުތައް އަތަށް ގޮވައިފިކަން ކަމަށެވެ.
ސަރުކާރުގެ އިގްތިސޯދީ މުޅި ސިޔާސަތު މި ބައްޓަން ކުރަނި ސަން އައިލެންޑު ބަދިގެއިން އިގްތިސޯދު ކިޔެވި ސައީދު. ސައީދު މި ސަރުކާރު ފައްޓަމުން ވިދާޅުވީ ރައީސް މުއިއްޒު ނޫނީ އިކޮނޮމީ ޑައިވާސިފައި ކޮށްލި ވެރިއެއް. އެދެން ގުއި ފުނަދޫއާ ގުޅުވާ ދެއްކެވި ވާހަކަ ކަން ނޭނގެ. މައިގަނޑު އެއްޗަކީ އިގްތިސޯދީ އިންގިލާބީ ބޮޑު ބަދަލެއް މުއިއްޒު ގެންނަވައިފިއޭ. ދެ އަހަރު ފަހުން އެކަން އޮތީ އެހެންތޯ މި ބަލާލީ. އެގޮތުން މުއިއްޒު ވިދާޅުވި ޑޮލަރުގެ އަގު މައްޗަށް ނުދާނެއޭ. އެހެން ބުނީމަ މި ވިސްނުނީ އިންފްލޭޝަން ހުންނާނީ ހިފެހެއްޓިފައޭ. ރައްޔިތުންގެ އާމްދަނީ އިތުރުވާނެއޭ. ރައްޔިތުން ޚަރަދުކުރަން ޖީބުގަ އޮންނަ ފައިސާ އިތުރުވާނެއޭ. އެކަމަކު މުއިއްޒު ގެންނެވި 8.8 ބިލިއަން ވެސް ނުފެނޭ. ޑޮލަރެއް ވެސް ދިވެހި ފައިސާއެއްވެސް ނުފެނޭ
މަލީހު ވަނީ ސަރުކާރުން އިގްތިސޯދު ކުރިއެރުވުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ބޮޑެތި ވަފްދުތައް ފޮނުވައިގެން ކުރާ އެއްވެސް ކަމަކުން ވެސް ފައިދާނުވާއިރު އެކަމުގައި ހޭދަވާ ބޭކާރު ފައިސާގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ.