

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަގު އެކި ގޮތް ގޮތުން ގައުމުގައި ވެއްޓެމުންދާއިރު، އިގްތިސޯދީ ކަންކަމުގައި އެމަނިކުފާނު އެންމެ ބޮޑަށް ފަޟީހަތް ކުރައްވާ ބޭފުޅަކީ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ވެރިކަމުގެ ކުރީކޮޅުގައި އިގުތިސޯދު ފުޅާކޮށް، ޑައިވާސިފައިކުރެއްވި ހަމައެކަނި ރައީސަކީ ރައީސް މުއިއްޒު ކަމަށް ސައީދު ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ރައީސް މުއިއްޒުގެ އިގްތިސޯދީ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނެ ކަމަށް އިއުލާންކުރި ޑޮލަރުގެ އަގު ހެޔޮކުރުމާ ބްލެކު މާކެޓު ނައްތާލުން ވެސް ކުރެވިފައި ނުވާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ ހުވަފެން ދެއްކުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިން ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އިގްތިސޯދު ހަރުދަނާ ކުރުމަށް ކަމަށް ބުނެ ވަޒީރު ސައީދު ކުރައްވާ ހުރި "ގަޅި" ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތުން ރާއްޖޭގެ އިގުތިސޯދަށް އަހަރަކު 400 މިލިއަން ޑޮލަރު ނުވަތަ 6.17 ބިލިއަން ރުފިޔާ ވަންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެތައް ވިޔަފާރިތަކެއް އުފެދޭނެ ކަމަށް ސައީދު ވިދާޅުވި ވިދާޅުވުން ރައީސް ޔާމީން ހަނދާނަށް ގެންނަވާފައިވެއެވެ.
އެހެންކަމުން ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަން ސައީދު އެކަމުގެ ތެރެއަށް "ވައްދައިގެން' އުޅެނީ އެމްޑީޕީގެ ފިކުރުގައި ސަރުކާރު ހަލާކުކޮށްލަން ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު އިގްތިސޯދީ ކަންކަމުގައި އެންމެ ބޮޑަށް ފަޟީހަތްވަނީ ސައީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށެވެ.
ސަރުކާރު ހަލާކުކޮށްލަން އެމްޑީޕީ ފިކުރުގައި ހެއްޔޭ މިއުޅެނީ. އެމްޑީޕީ ބަޔަކު މިހާރު ސައީދަށް ޗާބީ ދީގެން އަނބުރަނީ ހެއްޔޭ. އެއީ މުއިއްޒަށް ހެޔޮ އެދިގެން ދައްކާ ވާހަކައެއް ނޫން. އެންމެ ބޮޑަށް އިގުތިޞާދީ ކަންތައްތަކުގައި މުއިއްޒު ފަޟީހަތްވެގެން ބޭޒާރުވެގެން މި ދަނީ ސައީދު ދައްކާ ވާހަކަތަކުން. އެހެންވީމަ އަޅުގަޑު ހިތަށް މިއަރަނީ ހަމަ އެމްޑީޕީ މިކަމުގައި ވަރަށް ކާމިޔާބު ކޮށްފިއޭ އިނގޭތޯ
ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް ސައީދުގެ ވާހަކަ ތަކުރާރުކުރައްވާ ގޯސް ހައްދަވަމުން ގެންދަވާ ކަމަށެވެ.