

ޤަޠަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދައިފި އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ، ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވެ އެވެ. އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަން ވެސް ބަޔާންކުރައްވާފައިވެ އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދުގައި ޚާރިޖީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ މެއި 26، 1984 ގަ އެވެ. ގަތަރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅާފައި ހުރެ އެވެ. އޭނާ ހުންނަވަނީ ސްރީލަންކާގަ އެވެ.
މިއަހަރުގެ އޭޕްރީލް މަހު މި ސަރުކާރުން ވަނީ ތުރުކީގައި މުޅިން އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރާއްޖޭގެ އެމްބަސީތައް އަންނަނީ ހިންގަމުންނެވެ. އެތަންތަނުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ ހަރަދަށް ބޮޑު ހޭދައެއް ކުރެއެވެ.
ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމުލަ އަދަދުގެ 20 ޕަސެންޓަށްވުރެ މަދުންނެވެ.
ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އެއަށް ވުރެން އިތުރެވެ.