މަސްވެރިން ކުރަމުން އައި އިހުތިޖާޖު ހުއްޓައިލުމާއެކު ކޫއްޑޫގެ މަސައްކަތްތައް އަލުން ފަށައިގަނެފިއެވެ.
އާދިއްތަ ދުވަހުން ފެށިގެން ކޫއްޑޫގައި މަސްވެރިން އިހުތިޖާޛު ކުރަމުން ދިޔައީ އެމީހުންނަށް ދޭން ޖެހޭ ފައިސާ ނުދީ ދެ މަސް ފާއިތުވުމާ ގުޅިގެން އެމީހުންގެ އަތް މަތިދަތިވެ އާއިލާތައް ބިކަވާން ފެށުމުން ކަމަށް އެ މަސްވެރިން ހާމަކޮށްފައިވެއެވެ.
މަސްވެރިން ބުނަމުން ދިޔައީ ސަރުކާރު ގެނައީ ނުހަނު ފޮނި އުއްމީދާއެކު ނަމަވެސް ނިމިދިޔަ ސަރުކާރެކޭ މި ސަރުކާރެކޭ ތަފާތެއް ނެތް ކަމަށެވެ.
މަސްވެރިންގެ ޕްރެޝަރު ބޮޑުވެ ކޫއްޑޫގެ ހުރިހާ އޮޕަރޭޝަންތަކެއް ވެސް ހުއްޓާލީ ހޯމަ ދުވަހުއެވެ. އެއަށް ފަހު މަސްވެރިން ޑިމާންޑްކުރަމުން ދިޔައީ ފައިސާ ދިނުމަށާ ނުދީފި ނަމަ ކަރަންތޫވެސް ކޫއްޑޫއިން ކަނޑާލާނެ ކަމަށެވެ. މައްސަލަ ހޫނުވެ ށ. އަތޮޅޫގައި ހުންނެވި މަސްވެރި ވަޒީރު އަހުމަދު ޝީޔާމްވެސް އެ ދުވަހު ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ވާހަކަ ދެއްކުވެމުންވެސް މަސްވެރިންގެ ޑިމާންޑްތަކަށް ބަދަލު ނުގެނެސް އިހުތިޖާޖު ކުރިއަށް ގެންދިޔައެވެ.
މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށް އަންނަ ހަފުތާގައި 30 މިލިއަން ރުފިޔާ ދޫކުރުމާއެކު މުޅި ޖުމްލަ 100 މިލިއަން ރުފިޔާ މި މަހުގައި ދޫކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާކަން ސަރުކާރުން ހާމަކުރުމުން މަަސްވެރިން އިހުތިޖާޖު ހުއްޓާލާފައިވާ ކަމަށް ބައެއް މީޑީޔާތަކުގައި ވަޒީރު ޝިޔާމްއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ އެބަ އުޅެއެވެ. އެ ފައިސާ އަންނަ މާޗު 5، ގެ ކުރިން ދައްކާ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފައެވެ.