March 27, 2026
Advertisement
މެންބަރު އައްބާސް
މެންބަރު އައްބާސް / ސޯޝަލް މީޑިއާ

އައްބާސް ރައީސް މުއިއްޒަށް: ވައުދު ހަނދާން ނެތިއްޖެ ނަމަ ފަހުން ކަރުނަ އަޅާނެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 11, 2025, 05:46 AM
މާލެ ސިޓީ

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވީ ވައުދުތައް މަތިން ހަނދާން ނައްތާލައިފިނަމަ، ރައީސް ޑރ މުހައްމަދު މުއިއްޒު ފަހުން ކަރުނަ އަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓުތައް ހައްގުވެރިންނަށް ނުދީ ލަސްކުރަމުން ސަރުކާރުން ދާ ދިއުމާ ގުޅިގެން އެކްސްގައި އައްބާސް ވަނީ ޕޯސްޓުކުރައްވާފައެވެ.

އައްބާސް ވިދާޅުވެފައިވަނީ، ރައީސް ޑރ. މުއިއްޒު އެކި ފަހަރު މަތިން ވައުދުވެ ވަޑައިގަތް ގޮތަށް 4000 ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓް ހަވާލު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން ވައުދު ހަނދުމަފުޅު ނެތި ކުރިން ބުނި އެތި ކެންސަލް ކޮށްފި ނަމަ ސިޔާސީ ގޮތުން ރައީސް މުއިއްޒު ފަހުން ކަރުނަ އަޅާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް ވެސް އައްބާސް ވަނި ވިދާޅުވެފައެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ފްލެޓު ލިސްޓު ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަނީ ކަމަށް ބުނެ އެތައް ދުވަހެއް އެ މަސައްކަތުގައި ވޭތުކޮށްލުމަށްފަހު، ފްލެޓު ލިބޭ މީހުންގެ ގޮތުގައި ބަލާނީ މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި ނެރެފައި އޮތް ލިސްޓަށް ކަމަށް މިދިޔަ މެއި 25، ގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ.

4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައެވެ. ސަރުކާރުން މަސައްކަތްކުރަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތްކުރަމުން ކަމަށާ ޖުލައިމަހުގެ ތެރޭގައި ފްލެޓުތައް ހަވާލުކުރަން ފަށާނެކަމަށް ކުރިން ބުނެފައިވީ ނަމަވެސް އަދި އެ މަސައްކަތް ފަށާފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved