

އިންޑިއާ އައުޓު ގޮވަމުން ވެރިކަމަށް އައިސް، ގުޅުންތަކަށް ބުރޫ އަރާ ގޮތަށް ޚަބަރު ގެނެސްނުދިނުމަށް މި ސަރުކާރުން އަންގައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިނިވަން ދުވަހާ ގުޅިގެން ތައްޔާރުކުރި "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓަރީ އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ވަނީ، ބައެއް މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުގެ ސަބަބުން އެކުވެރި ގައުމުތަކާ އެކީ އޮންނަ ގުޅުމަށް އޭގެ އަސަރުކޮށް، ބުރޫއަރާ ކަަމަށާ އެފަދަ ކަންކަމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ދޭ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
ހާއްސަކޮށް އެ ކަމަކީ ގައުމުގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނުވަތަ ސިޔާދަތީ ކަންތައްތަކަަށް ބުރޫއަރާ ޒާތުގެ ކަހަލަ ވާހަކައެއް ވެއްޖެއްޔާ، އެ ވާހަކައެއް ޖެހޭނީ ގައުމަށް ޓަކައި އަދި ރައްޔިތުންގެ އަމިއްލަ ނަފުސަށް ޓަކައި ބާއްވާލަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހަލީލު ވިދާޅުވީ މީޑިއާތަކުން ލިޔެފައިވާ ހަބަރުތަކުގެ ސަބަބުން ކޮންމެހެން ވެސް ގުޅުން ބާއްވަން ޖެހޭ ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ގައުމުތަކާ އެކު އޮތް ގުޅުމަށް އެރި ބުރުލެއްކަމެއް ޚަލީލު ވިދާޅުވެދެއްވާފައި ނުވެއެވެ.
މީޑީޔާތަކުން ގެނެސްދޭ ބައެއް ޚަބަރުތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާތީ އެކަމާ ޚަލީލު ވާހަކަ ދެއްކެވިއިރު ޚަލީލު މިއަދު ތަމްސީލު ކުރައްވާ ޕީއެންސީ ސަރުކާރަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު އެންމެ ގިނައިން އަވައްޓެރި ގައުމު އިންޑިއާއާ ޖައްސާލާ ޚަބަރުތައް ދައުރުކުރިވި ބައެއްކަން ފާހަގަކޮށްލެވެއެވެ. އަދި ވެރިކަމަށް އައުމަށް ވެސް ބޭނުންކުރި އެންމެ ބޮޑު އެއް ހަތިޔާރަކީ އިންޑިއާ އައުޓު ހަރަކާތްކަން ވެސް ފާހަގަކޮށްލެވެއެވެ. އެކަން ކުރަން ޚަލީލުއާ އަދި އަދުގެ ސަރުކާރުގެ ހުރިހާ ވެރިންވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރީ މީޑިއާތަކެވެ.