February 27, 2026
Advertisement
1
1 / ޕީއެސްއެމް

މަސްއޫދު ދެއްކި ވާހަކަތަކާ ގުޅިގެން ސުވާލުކުރުމަށް ޚަލީލް މަޖިލީހަށް ހާޒިރުކުރަނީ

Yana Shareef
ޔާނާ ޝަރީފް
Jan 13, 2026, 02:41 AM

ލަންކާގައި އުޅޭ ދިވެހިންނަށް ވިސާގެ ކަންކަމުގައި ދަތިކަން ކުރިމަތިވާކަމަށް ބުނެ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ސުވާލުކުރުމަށް ނޯޓިސް ފޮނުވައިފި އެވެ.

Advertisement

މަސްއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ލަންކާގެ ޑެއިލީ ނިއުސްއަސް ދެއްވި އިންޓަވިއުގައި ލަންކާއަށް ދާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން އިހާނެތިކޮށް ހިތުން ހުއްޓައިނުލައިފިނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ރައްޔިތުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދީފައިވާތީ އެކަމާ ގުޅޭގޮތުންނެވެ.

ޑިޕްލޮމެސީ އާއި ބައިލެޓެރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވަށްޓެރި އެހެން ގައުމުތަކާ ޖެހިގަތުމަކީ އެންމެ ރަނގަޅުތޯ މިނިސްޓަރާ ސުވާލުކުރެއްވުމަށް މީކާއިލް ހުށަހަޅުއްވާފައިވެ އެވެ.

މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.

ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިވެ އެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް ސަފީރު ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved