

ސަރުކާރުގެ ސިޔާސީ މަގާމުތަގުގައި މިވަގުތު ތިއްބެވި މުވައްޒަފުންގެ އަދަދު ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދަދުތަކެއް ހާމަކޮށްފިއެވެ.
މިމަޤާމުތަކަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޢައްޔަނުކުރަށްވާފައިވާ މަގާމުތަކެވެ.
ރައީސުލްޖުމްހުރިއްޔާ އޮފީހުން ރޭ ހާމަކުރި ބަޔާނުގައި ވާގޮތުން މިވަގުތު މި ސަރުކާރުގައި ތިބީ ސިޔާސީ މުވައްޒަފުންގެ 922 ބޭފުޅުންނެވެ. އެ ބޭފުޅުން ޢައްޔަނު ކުރައްވާފައިވާ ގިންތިތަކުގެ ތެރެއިން ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން އަދި ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން ތިއްބެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން އަދި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 ބޭފުޅުން ހިމެނެއެވެ.
ބަޔާނުގެ ތަފްސީލަށް ބަލާލާއިރު ޑިޕިއުޓީ މިމިސްޓަރުގެ ގޮތުގައި 216 ބޭފުޅުން އަދި އެޔާއި އެއްފެންވަރެއްގެ މަގާމުގައި 20 ބޭފުޅުން ހިމެނެއެވެ. ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އެޔާއި އެއްފެންވަރެއްގެ މަގާމުގައި08 ބޭފުޅުން ހިމެނޭއިރު ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން އެޔާއި އެއްފެންވަރެއްގެ މަގާމުގައި 04 ބޭފުޅުން ހިމެނެއެވެ.
މީގެ އިތުރުން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން ހިމެނޭއިރު އެޔާއި އެއްފެންވަރެއްގެ މަގާމުގައި 49 ބޭފުޅުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ހާމަކުރައްވާފައި ވަނީ، ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގާ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ.
ރައީސް އޮފީހުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރިއިރު އޭގެތެރޭގައި އެ އޮފީހުގައި މަސައކްަތްކުރާ ސިޔާސީ މުވައްޒަފުން ނުހިމެނޭ ކަމަށްވެއެވެ.
މިސަރުކާރަކީ ސިޔާސީ މަޤާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ބުނަމުން އައި ސަރުކާރަކަށް ވީއިރު، ދައުރަށް އަދި މިވީ 20 މަސްދުވަހެވެ. ވީއިރު މިހާތަނަށް 922 މަޤާމަކީ އެ ވައުދާ ޚިލާފުވުމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި އަދަދަކީ ސަރުކާރުން ކުރިން ވަކި ކުރި ކަމަށް ބުނާ 248 ސިޔާސީ މީހުންގެ އުނިކޮށް ހާމަކުރި އަދަދަކަށްވާއިރު ކުރީގައި ހާހުން މައްޗަށް ސިޔާސީ މުވައްޒަފުން ތިބިކަން ވެސް މި އަދަދުތަކުން ހާމަވެއެވެ.