

މިނިވަން ދުވަސް ކައިރިވަމުން އަންނައިރު މަގުމަތިން ފެންނަނީ މިގައުމުގައި އޮތީ ބައި ކުޅަ ބައި މިނިވަންކަމެއްގެ ގޮތުގައި ކަމަށް އިންޑިއާގައި ކުރިން ހުންނެވި ދިވެހި ކޮންސިއުލް އަލީ އާދަމް ވިދާޅުވެއްޖެއެވެ.
އިސްލާމިކު މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައިވާ އަލީ އާދަމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އޭރުގެ ރައީސްގެ ދައުވަތަކަށް ސްރީލަންކާގެ އޭރުގެ ރައީސް ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް ސްރީލަންކާގެ ދިދަ މާލޭގެ މަގުތަކުގައި ވިހުރެމުން އޭރު ނުދިޔަ ފާހަގަކުރައްވާ އަލީ ވަނީ މިއަދު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އޭގެ ދިހަ އަހަރު ފަހުން ފާހަގަކުރާއިރު ފެންނަމުންދާ މަންޒަރުން ގައުމުގެ މިނިވަންކަން އޮތް ހިސާބު ވަޒަން ކޮށްލެވޭ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން 60 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު އިންޑިއާގެ ބޮޑު ވަޒީރު މި ފަހަރު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މާލޭގެ މަގުތަކުގައި ވިހުރެނީ އިންޑިއާގެ ދިދަ ކަން އަލީ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެކަމުން އިހުސާސު ވަނީ ގައުމުގައި އޮތީ ބައި ކުޅަ ބައި މިނިވަންކަމެއް ކަމަށެވެ.
އަލީ ވިދާޅުވީ އެއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ސަރުކާރުން ގެންނާތީ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން އިންޑިއާ އައުޓު ގޮވަމުން އައިސް މި ސަރުކާރުން އިންޑިއާ ފައި ބުޑަށް ވެއްޓި ނިމިއްޖެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.