ރައްޔިތުންގެ މަޖިލީހުން ނިންމަވާ ނިންމުންތަކަށް އިހްތިރާމް ކުރުމުގެ ބަދަލުގައި މަޖިލީހުން ސަރުކާރުގެ ނިންމުންތަކަށް ހުރަސް އަޅާ ކަމަށްބުނެ ރައީސް މުއިއްޒު މަޖިލީހަށް ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އޮތް "އަހާ" ފޯރަމްގައި އާންމު ފަރާތެއް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހު މަޖިލިސް ތެރެއިން ކަންތައްތައް ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށެވެ.
އަދި ސަރުކާރުން ވީ ވައުދުތައް ފުއްދަމުންދާއިރު އެއްވެސް އަސާސެއް ނެތި މަޖިލިހުން ސަރުކާރުން ކުރާ ކަންތައްތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ރައްޔިތުން މަޖިލީހުން އެމަނިކުފާނު އައްޔަންކުރައްވާފައިވާ ވަޒީރުންތަކަކަށް ރުހުން ނުދިނުމުން ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ނިންމުމަށް ގޮންޖަހާ އެ ވަޒީރުން އަލުން އެ މަގާމްތަކަށް އައްޔަންކުރައްވާފައެވެ.
ހަމަ އެފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބް ރޯދަމަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވުމުން، ގާނޫނަށް އިސްލާހް ގެނެވިގެން ނޫނީ އިންތިޚާބް ފަސް ނުކުރެވޭނެތީ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ރޯދައިގެ 10 ދުވަސް ފަހުން މަޖިލިސް އިންތިޚާބް ބޭއްވުމަށް ނިންމާ މަޖިލީހަށް ހުށަހެޅުމުން އެ ގޮތް ވަނީ ގިނަ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
ނަމަވެސް އިލެކްޝަނުން ބުނި ގޮތުގައި މަޖިލީހުން އަދި ތާރީހް ބަދަލު ކުރުމަށް ނިންމެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރާހާ ހިނދަކު އިންތިޚާބް ބާއްވާ ތާރީހަކަށް ބަދަލެއް ނުގެނެވޭނެއެވެ.
މިކަމުން ވެސް ދޭހަވަނީ ރައީސް ރައްޔިތުންގެ މަޖިލީހުން ނިންމަވާ ކަންކަމަށް އެއްވެސް މިންވަރަކަށް އިހްތިރާމް ނުކުރާކަމެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހަށް ވާއިރު ރައީސް ގެ މަގާމްގައި ހުންނަވާ ފަރާތް މަޖިލީހަށް ގޮންޖަހައި އަމިއްލަފުޅަށް ކަންކަން ނިންމަވަމުން ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިޔުމުހާއި ނުރުހުން ރައީސް މުއިއްޒަށް ވަނީ އަމާޒުވެފައެވެ.