
ޝަރުތު ހަމަނުވާ ފަނޑިޔާރުން ރާއްޖޭގެ ކޯޓްތަކަށް އައްޔަން ކުރުމުގެ ފަހަތުގައި އޮތް ސިއްރަކާ މެދު ޕީއެންއެފްގެ ސެކެރެޓަރި ޖެެނަރަލް މުހައްމަދު މަލީހު ސުވާލު އުފައްދަވައިފިއެވެ.
މަލީހުގެ މިފަދަ ސުވާލެއް އަމާޒުކޮށްފައިވަނީ ބާރަށު ދާއިރާގެ މެެމްބަރު އިބްރާހިމު ޝުޖާއުއަށް ސަރުކާރު ތެރެއިން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އިވެންޓުތައް ދޫކޮށް އެކަން އެމްއެމްއޭގެ ރިޕޯޓަކުން ހާމަވި ޚަބަރެއް ހިއްސާކުރައްވާ އެކްސްގައި ލުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ ޝަރުތު ހަމަނުވާ ފަނޑިޔާރުން ކޯޓްތަކަށް އައްޔަން ކުރުމުގެ ފަހަތުގައި އޮތީ ތިން ސަބަބެއް ކަމަށް އޭނާގެ ސިކުނޑިއަށް ވިސްނޭ ކަމަށެވެ. އެގޮތުން އެ ތިން ޝަރުތަކީ، އަދުލު އިންސާފު ރައްޔިތުންނަށް ނުލިބޭނެކަން ޔަޤީން ކުރުމާ ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށްލުމުގެ އިތުރުން ދައުލަތުން ބޮޑުކޮށް ވައްކަން ކުރުމަށް މަގު ފަހިކުރުމަށް ކަމަށްވާއިރު މިއަދު ގައުމުގެ ކަންކަން ހިނގާ އުސޫލަށް ބަލާއިރު، އެންމެ ބޮޑަށް ގަބޫލުކުރެވެނީ ޝަރުތު ހަމަނުވާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކުރައްވަނީ ދައުލަތުން ބޮޑުކޮށް ވައްކަން ކުރުމަށް މަގު ފަހި ކުރުމަށް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ ތެރޭގައި ވައްކަމާ ކޮރަޕްޝަން އިންތިހާއަށް މައްޗަށް ގޮސް މިހާރު ސަރުކާރުގެ ވެރިންގެ ތެރޭގައިވެސް ކޯޅުން އިތުރުވެފައިވާ ކަމަށް އަޑުތައް ގަދަވެފައިވެއެވެ.










