2008 ވަނަ އަހަރު ފާސްކުރި ފެހި ގާނޫނު އަސާސީ އަކީ ރައްޔިތުންނަށް އެތައް ހިތް ހަމަ ޖެހުން ގެެނެސްދިން ގާނޫނު އަސާސީއެއް ނަމަވެސް މިހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެ ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންގެ އިތުބާރު ނުހޯދި އޮތް ހަމައެކަނި ބާރަކީ ޖުޑިޝީއަރީ ކަމަށް ރައިސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ގެނެސްދޭ ވީކެންޑް ވިތް ޑރ. ޖަމީލުގެ ނިމިދިޔަ ހަފްތާގެ ޕްރޮގްރާމުގައި، ރައީސް ޔާމީންއާ މެދު ފަނޑިޔާރުގެތަކުން އަމަލު ކުރަމުން ގެންދާ އުސޫލާ މެދު ސުވާލު ދެނެނެވުމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންއަށް އިންސާފު ނުދީ ހިފަހައްޓަމުން ދަނީ ގަސްތުގައި ކަމަށާ އެކަން ކުރަނީ ފަނޑިޔާރުގެތަކަށް ސަރުކާރުން ފޯރުވާ ނުފޫޒުގެ ތެރެއިން ނަމަވެސް، ފަނޑިޔާރުން ސަރުކާރުތަކުގެ އަޑު އެހުމުން ރައްޔިތުން ކުރިމަތީ ގެއްލެނީ ރާއްޖޭގައި އިންސާފު ހޯދައިދޭން ހުރި މުއައްސަސާތަކާ ތަންފީޒީ އިދާރާތަކުގެ އިތުބާރު ކަމަށެވެ.
ކަންބޮޑުުވުމަކީ އުޅެ އުޅެ ރައްޔިތުން ގަބޫލުކުރާ މިންވަރެއްގެ މިނިވަންކަމެއް ނުފޫޒެއްނެތި ޝަރީއަތެއް ހިނގާނެކަމުގެ އިތުބާރު ހޯދާ ނުދެވޭ. ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ޖުޑިޝީއަރީއަށް އޮތް ނުފޫޒު މި ފެންނަނީ.
ޑރ. ޖަމީލު ވިދާޅުވީ، ގައުމެއްގައި މައްސަލަތައް ހިންގަން ޖެހޭނީ އެގައުމެއްގެ ހާލަތަށް ބެލުމަށްފަހު ކަމަށާ އެއީ ދުނިޔޭގެ ބެސްޓު ޕްރެކްޓިސްގައި ވެސް ކަން ކުރާ އުސޫލު ކަމަށާ ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑޭސީ އާ ގުޅިގެން ވެސް އެމަނިކުފާނާ ގާނޫނީ ޓީމު ނޭވާ ހޮޅިއަށް އެޅުވިކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.