March 17, 2026
Advertisement
-
- / ސީ.އެން.އެން

ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް "ބޮއިކޮޓް" ކުރުން ގޮވާލުމަކުން ނުފުދޭ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 9, 2025, 08:12 PM
މާލެ ސިޓީ

2023 އޮކްޓޯބަރު 07 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓް ކޮށް އެހެން މުސްލިމް ގައުމުތަކުގެ އުފެއްދުންތައް ގިނަ ބަޔަކު ބޭނުން ކުރިޔަސް އެއީ ސަހްޔޫނީންނާއި ދެކޮޅަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި މިހާރު ނިންމޭކަށް ނެތެވެ.

Advertisement

ނެސްކެފޭ، ކޯކް، ކޭއެފްސީ އަދި މެކްޑޮނާލްޑް ފަދަ މަޝްހޫރު ފްރޭންޗައިޒްތައް ގިނަ ގައުމުތަކުން ބޮއިކޮޓްކޮށް ބޭނުން ނުކުރާއިރު މިއަށްވުރެ މަތިން ހިނގަމުންދާ ކަންކަމަށް އާންމުން ހޭލުންތެރިވާން އެބަޖެހެއެވެ.

މިގޮތުން، ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ވެއްދުން ސަހްޔޫނީން މަނާކޮށްފައިވާ ދުވަސްވަރެއްގައި ސަހްޔޫނީންނަށް މި ހަނގުރާމައިގައި އެންމެ ބޮޑަށް ވާގިވެރިވަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީއަށް ވަނީ ރަސްމީ އިއްޒަތުގައި ދަތުރުކޮށްފައެވެ. އަދި މި ދަތުރުގައި ޓްރަމްޕްގެ މެހެމާންދާރީއަށް ސައުދީ ސަރުކާރުން ވަނީ 600 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

މުސްލިމް ގައުމެއް ނެތި ފަނާކުރާ ބަޔަކަށް ވާގިވެރިވާ ބަޔަކަށް މިވަރުގެ އިއްޒަތެއް މުސްލިމުންގެ ގެ ކަމުގައިވާ ކައުބަތުﷲ ގެފުޅު ބަލަހައްޓާ ސައުދީން ދީފައިވާ އިރު ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ދުވާލަކަށް އެތަކެއް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

މިގެ އިތުރުން، މިސްރުގެ ސަރުކާރުން މިސްރާއި ލޭގެ ގޮތުންވެސް ގުޅުން އޮންނަ ފަލަސްތީނުގެ ރައްޔިތުންގެ އަތުން 35 ބިލިއަން ޑޮލަރުގެ ތެލާއި މައުދަންތައް ފޭރުނު ކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.

މުސްލިމުން އެއް ބަޔަކު އަނެއް ބަޔަަކަށް އެހީތެރިވެ އަޅާލާ ބަޔަކަށް ވުމަށް ދީނުގައި އަންގަވާފައިވާއިރު، މިއަދު ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. އާރާއި ބާރު އޮތް މުސްލިމު ގައުމުތަކުން ވަނީ ޣައްޒާ ނެތިވާން ދޫކޮށްލާފައެވެ. މިއަދު މުސްލިމު ގައުމުތަކުންވެސް ތަބާވަމުންދަނީ ސަހްޔޫނީންނާއި އެމީހުންނަށް ބައިއަތު ހިފާ މީހުންނަށެވެ.

މުސްލިމުން މުސްލިމުންގެ ގޮތުގައި މުސްލިމުންގެ ދިފާއުގައި ނުކުންނަން އެބަޖެހެއެވެ. މުސްލިމުންނަށް ނަސްރު ލިބެން އިނީ އިޖްތިމާއި ގޮތެއްގައި މުސްލިމުން ގުރުއާނާއި ސުންނަތަށް ރުޖޫއަވެގެން ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން، ބޮއިކޮޓް ކުރުމުގައި ދެމިތިބެ، ބޮއިކޮޓް ކުރުމަށް އެކަނި ގޮވާލާ ނިންމާލުމަކުން ޣައްޒާގެ ދިފާއުގައި ތެދުވެވުނީ ކަމަށް ދެކިގެންވެސް ވާކަށް ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved