

އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދީފައިވާ ހިސޯރު ނައްތާލުމަށް ގޮވާލައި ޤައުމީ ބިޔަ، ބޮޑު އެއްވުމެއް އޯގަސްޓް 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މި އެއްވުމަކީ ދިވެހިރާއްޖޭގެ ޤައުމީ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމެއްކަމަށް މި އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މި އެއްވުމުގެ މައިގަނޑު މަގްސަދަކީ ޢައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ހާލަތަށް އަލިކަން ގެނެސް، ދުނިޔޭގެ މުޖުތަމައުގެ ސަމާލުކަން ހޯދުމެވެ. ހިސޯރުގެ ސަބަބުން ޢައްޒާގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވެފައިވާކަން ފާހަގަކުރެވެއެވެ. މި އެއްވުމަކި ހަމައެކަނި ވަކި ބަޔަކަށް ބާއްވާ އެއްވުމެއް ނޫން ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހިތުގައި ފަލަސްތީނަސް އޮތް ލޯތްބާއި އެއްބައިވަންތަކަން ދައްކައިދިނުމުގެ ގައުމީ ފުރުސަތެއްކަމަށް ވެސް އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފައެވެ. އެހެންކަމުން މި ޤައުމީ ކަމުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވެ ، ފަލަސްތީނުގެ ރައްޔިތުންނަށް ދިގުދެމިފައިވާ އަނިޔާގެ ކަންކން ހުއްޓުވުމަށް އަޑު އުފުލައި، ޢައްޒާގެ ހިސޯރު ނައްތާލުމަށް ދުނިޔޭގެ އެންމެނަށް ގޮވާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި އެއްވުމާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ނުވަތަ ބައުވެރިވުމަސް އެހީތެރިކަމަށް އެދިވަޑައިގަންނަވާނަމަ، 9294466 ނަންބަރު ހޮޓްލައިންއަށް ގުޅުމަށް ވަނީ އެދިފައެވެ. މި ހަރަކާތަކީ ފަލަސްތީނުގެ ދިފާއުގައި ދިވެހިރާއްޖެއިން ދެމުންދާ އެއްބާރުލުމުގެ އިތުރު ބޮޅެއްކަމަށް ދެކިފައިވެއެވެ.