

މ. އަތޮޅު ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ މުލީ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު، މީގެ 30 އަހަރު ކުރިއަށްވުރެ ގޯސްވެފައިވާ ކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ.
އެގޮތުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓި، ހޮސްޕިޓަލް ހިންގުމުގެ ދޯހަޅިކަން އިންތިހާއަށް ގޮސްފައިވާކަމުގެ އަޑުތައް ގަދަވެފައިވެއެވެ.
ހޮސްޕިޓަލްގެ ފާމަސީއިން އާދައިގެ ބޭހުން ފެށިގެންގޮސް އެންމެ މުހިއްމު ބޭސްތައް ވެސް ލިބެން ނެތްކަމުގެ ޝަކުވާއާ ހަކުރު ބަލީގެ މީހުންނަށް ބޭނުންވާ އިންސިއުލިންވެސް ނުލިބޭތީ ރައްޔިތުންނަށް މާލެއިން ބޮޑު އަގުގައި ގަންނަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޮސްޕިޓަލްގައި ތިން ޖަނަރޭޓަރު ހުރި އިރު، މިހާރު އޮޕަރޭޝަނަށް އެއްވެސް ޖަނަރޭޓަރެއް ނެތްކަން ވަނީ ފާހަގަވެފައެވެ. މި ހާލަތުގައި، ފެނަކައިން ކަރަންޓު ގޮސްފިނަމަ، އެވަގުތު އޮޕަރޭޝަން ކުރަން ތިބޭ މީހުންނާއި ޑައިލިސިސް ހަދަން ތިބޭ މީހުންގެ ފުރާނައަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ. މި ޖަނަރޭޓަރުތައް ހުއްޓުމަކަށް އައިސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި ފަހުންކަމަށް މައުލުމާތު ލިބިފައިވެއެވެ.
މުޅި އަތޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މެޑިކަލް ހެދޭނެ ގޮތެއް ވެސް ހޮސްޕިޓަލުގައި ނެތުމުން، މިހާރު އެ ބިދޭސީން މެޑިކަލް ހެދުމަށްޓަކައި ބޮޑު އަގުގައި މާލެއަށް ފޮނުވަން ޖެހިފައިވާވުމަކީ އެކި އެކި މަސައްކަތަށް ބިދޭސީން ގެންގުޅޭ މީހުންނަށް ތަކުލީފަށް ވަނީ ވެފައެވެ.
މި ސަބަބުތަކަށް އެކު، މުލީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރީ މީގެ 30 އަހަރު ކުރިން ހުރި ހާލަތަށްވުރެ ދަށު ދަރަޖައެއްގައިކަން ވަރަށް ސާފުކޮށް ފެންނަކަމަށް ރައްޔިތުން ހާމަކުރެއެވެ. މިއަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ދިމާވެފައިވާ މި ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ރައްޔިތުން ވަނީ ގޮވާލާފައެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު، ހޮސްޕިޓަލްގެ މެނޭޖަރު އުޅުއްވަނީ މިވެރިކަމުގެ އާއިލީ ބޭފުޅުންގެ މެޖޯރިޓީ ޕީއެންސީ މުލީ ސްޓިއަރިންގ ކޮމިޓީގައި އޮތުމުން، މި ކަންކަމަށް ފަރުވާކުޑަ ކޮށްފައިކަމަށް ރައްޔިތުން ތުހުމަތު ކުރެއެވެ.
ހޮސްޕިޓަލް މެނޭޖަރު މި ކަންކަމާ ބެހޭ ގޮތުން، މި ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅެއް ނާޅާކަމަށް އަޑުތައް ގަދަވެފައިވާއިރު، މިނިސްޓްރީއަށް އެހެން ޞިއްޙީ މަރުކަޒުތަކުގެ ވެރިން މި ކަންކަން ހުށަހަޅަމުންދާއިރު، މާލެ ގޮސް މިނިސްޓްރީއަށް ޒިޔާރަތް ކުރުމަށް ވެސް މެނޭޖަރު ދެކޮޅު ހަދަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން ލަތީފުގެ ބަހެއް ހޯދަން މެސެޖުކުރުމުން ވަކި ޖަވާބެއް ދެއްވާފައިނުވެއެވެ.