
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށާއި އާންމުންނަށް ވިއްކާ ޑީސެލްގެ އަގަށް ބޮޑު ބަދަލެއް ގެނެސް، އަގުތައް ވަރަށް ބޮޑަށް މަތިކޮށްފިއެވެ.
މިފްކޯއިން މިއަދު ތެލުގެ އަގުތަކަށް ގެނައި މުރާޖައާއާއެކު، މަސްކިރާ މަސްވެރިންނަށް މީގެކުރިން ޑީސެލް ލީޓަރެއް ލިބެމުންދިޔަ އަގަށްވުރެ ގާތްގަނޑަކަށް ދެގުނަ ވަނީ ބޮޑުވެފައެވެ. އެގޮތުން މަސްކިރާ އުޅަނދުފަހަރަށް ދެން ޑީސަލް ލީޓަރެއް ވިއްކާނީ 27.24 ރުފިޔާއަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާ އަގު ވަނީ 28.54 ރުފިޔާއަށް އުފުލިފައެވެ.
މި ބަދަލާއެކު މަސްވެރިންނަށް ޑީސެލް ލީޓަރަކުން 13.34 ރުފިޔާ ބޮޑުވެފައިވާއިރު، އާންމުންނަށް ވިއްކާ އަގުން ލީޓަރަކުން ވަނީ 14.11 ރުފިޔާ ބޮޑުވެފައެވެ.
މިއީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި އަގުތަކާ އަޅާބަލާއިރު ބޮޑު ފަރަގެކެވެ. އެ ދުވަހު ސަރުކާރުން ނިންމާފައި އޮތީ މަސްވެރިންނަށް ލީޓަރެއް 13.90 ރުފިޔާއަށް އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް 13.72 ރުފިޔާއަށް ޑީސަލް ފޯރުކޮށްދިނުމަށެވެ. އޭރު އާންމުންނަށް ލީޓަރެއް ވިއްކަން ފެށީ 14.43 ރުފިޔާއަށެވެ.
މިފްކޯއިން މީގެކުރިން ތެލުގެ އަގު މިހާ ބޮޑަށް އުފުލާފައިވަނީ ޖޫން 2022 ގައެވެ. އެފަހަރު އަގު ބޮޑުކުރަން ޖެހުނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުންނެވެ. އެ ފަހަރު މަސްވެރިންނަށް ލީޓަރެއް 17.63 ރުފިޔާއަށް ވިއްކިއިރު، އާންމުންނަށް ވިއްކީ 22.66 ރުފިޔާއަށެވެ. ނަމަވެސް، ފަހުން ދުނިޔޭގެ ބާޒާރުގައި އަގުތައް ހަމައަކަށް އެޅުމުން މިފްކޯއިން ވެސް އަގުތައް ދަށްކުރިއެވެ.
މިފަހަރު ތެލުގެ އަގަށް މިގެނައި ކުއްލި ބަދަލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އިޒްރޭލާއި އެމެރިކާއިން އިރާނަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން ދުނިޔޭގެ ތެލާއި ގޭހުގެ ބާޒާރަށް އަންނަމުންދާ ބޮޑެތި ބަދަލުތައް މިވަނީ ރާއްޖެއަށްވެސް އަސަރުކުރަން ފަށާފައެވެ. މި ބަދަލުތަކުން ރާއްޖެ ސަލަމާތްކޮށް ހަނގުރާމަ ނިމެންދެން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް މަސައްކަތްތަކެއް ކުރާ ތަނެއް އަދި ފެނިގެން ނުދެއެވެ.










