
އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވިތާ ހަތަރު ދުވަސް ފަހުން، ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވެ، އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ރައީސް މިއަދު ތައުޒިޔާ ފޮނުއްވީ އާންމުންގެ ފަރާތުން ސަރުކާރަށް ކުރިމަތިވި ބޮޑު ޕްރެޝަރާ ގުޅިގެންނެވެ. މިއީ މި ސަރުކާރުން ކަންކަމުގައި އިސްނެގުމުގެ ބަދަލުގައި، ރައްޔިތުން ޕްރެޝަރު ކުރުމުން ނޫނީ ފިޔަވަޅު ނާޅާކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި، މި ހާދިސާގެ ސަބަބުން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންގެ އިތުރުން، ހާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގު ނުކުރެވޭ ފަދަ މުހިންމު ދައުރެއް ކަމަށެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުމާއި ހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށާއި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގު ކުރުމަށާއި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ނަމަވެސް، މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން ސަރުކާރުން އިޖާބަދިނުން މިހާ ލަސްވެގެން ދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.










