

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ގެ ބިލަކީ ހަންނާނު ކުރިންވެސް ހުށަހެޅާފައިވާ ބިލާއި އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ބިލެއްގެ ގޮތަށް ދެކޭކަމަށާއި މި ބިލު އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
މި ޖަމިއްޔާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ބިލު ފަރުމާކޮށްފައިވަނީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށު ތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާއެއް ފެއްޓެވުމަށް ކަމަށް ބުނެފައިވެއެވެ.
ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި އެ ބިލުގެ މާއްދާތަކުގައި މާން ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނެ ފަދަ ގިނަ އިބާރާތްތަކެއް ހިމަނާފައިވާ ކަމަށާއި ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދޭން އެބިލުގައި ހިމަނާފައިވުމަކީ މިނިވަން ނޫސްވެރިކަން މަރާކުން ކަމުގައި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިފަދަ ބިލެއް ފަރުމާކުރި އިރުގައި ނޫސްވެރިންނާއި މަޝްވަރާކޮށްފައި ނުވުމަކީ މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތެއް އޮތް ކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމުގައިވެސް މި ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއާއި އެކު މަޖިލިސް ނައިބު ރައީސް އަހްމަދު ނާޒިމް މި ބިލުގެ ކަންތައްތަކުގައި އިސްކޮށް އުޅުއްވި ކަމަށް ކަށަވަރު ވާއިރު، ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެއްގެ ނަމުގައި މި ބިލު ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތް ކަން ހާމަވެގެންދާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ނުފޫޒުން ސަލާމްތަކުރެވިފައިވާ ނޫސްވެރިކަމުގެ ނިޒާމެއް ގާއިމުކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދު ފުޅެއްކަންވެސް މި ނޫސްބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.