ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ހިމެނޭ ޕޯޓަލް، އޭސީސީގެ ތަހުގީގަށް ހިފެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ފަންނީ ބައެއް ކަންކަން އަދި އެއްކޮށް ނުނިމޭތީ އެ އަށް އަދިވެސް ނުވަދެވޭ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ތަހުގީގު ކުރިއަށް ގެންދިޔައިރު އޭސީސީން އޮތީ ޕޯޓަލްގެ އެކްސެސް އެ ކޮމިޝަނަށް އެކަނި ލިބޭ ގޮތަށް ހަދައިފަ އެވެ. އެހެންކަމުން ހައުސިން މިނިސްޓްރީ އަށް އެ ޕޯޓަލަކަށް ނުވަދެވެ އެވެ.
ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން އޭރު ބުނެފައި ވަނީ ފްލެޓް ލިބުނު މީހުންގެ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި ބާކީ 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެއް ކަމަށެވެ.
އެ ތަހުގީގުން އެނގޭ ގޮތުގައި އެއްވެސް މައްސަލައެއް ނެތި ޝަރުތު ފުރިހަމަވަނީ އެންމެ 20.7 ޕަސެންޓް ފޯމެވެ. އެއީ 824 މީހުންނެވެ.
އޭސީސީގެ ތަހުގީގު ނުނިމޭތީ ހައުސިން މިނިސްޓްރީ އަށް ފްލެޓްތަކާ މެދު ގޮތް ނިންމުން ވަނީ ލަސްވެފައެވެ.
އެ މައްސަލައިގައި ސަރުކާރުން އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު އާންމުން ސުވާލުތައް އުފައްދަމުން ދަނިކޮށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ މިނިވަން ކޮމިޓީއެއް އެކުލަވާލައި، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ޕޯޓަލް އަށް ވަނުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް އޭސީސީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދޫކޮށްލިޔަސް އެ މިނިސްޓްރީ އަށް އަދިވެސް އެ އަށް ނުވަދެވޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ އިދާރީ މަސައްކަތްތަކެއް ކަމަށާއި ގާތްގަނޑަކަށް ދެ ތިން ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ލެވޭނެ ކަމަށެވެ.
ޝަރުތު ހަމަވާ މީހުންނަށް ދިނުން ލަސްވާ މައްސަލާގައި އާންމުންގެ ފަރާތުން ވެސް ވަނީ ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ގިނަ ފަރާތްތަކުން އަންނަނީ އިހްތިޖާޖްވެސް ކުރަމުންނެެވެ.