April 17, 2026
Advertisement
ޞަފީރު ބަޔާން އިއްވަނީ
ޞަފީރު ބަޔާން އިއްވަނީ / ސްކައި ނިއުސް

ރާއްޖޭގެ ބަސް އައިސީޖޭގައި އިއްވައިފި

Aishath Naja
އައިޝަތު ނަޖާ
Feb 27, 2024, 04:05 AM

ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ގަތުލްއާންމުގެ މައްސަލާގައި، އދ. ގެ އާންމު މަޖިލީހުން ނެރުނު ގަރާރެއްގެ ދަށުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާތީ އެ ކޯޓުން ހިންގާ ޝަރީއަތަށް ރާއްޖޭން ބަޔާން ދީފި އެވެ.

Advertisement

ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:00 ޖަހާކަށް ހާއިރު ކުރިއަށް ދިޔަ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ، ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރެވެ.

އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމު ކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް ޒަމާނުއްސުރެން ރާއްޖޭން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ މައްޗައް އެ ބަޔާނުގައި ވަނީ އަލިއަޅުވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާ މިއީ މުހިންމު ދަނޑިވަޅެއް ކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅަން ގޮވާލެއްވި އެވެ.

އަދި އެ ގައުމު އިޒްރޭލުގެ އަތްދަށުން މިނިވަންކޮށް، މިނިވަން ދައުލަތެއް ގާއިމު ކުރަން ފުރުސަތު ދިނުމަކީ އެ ސަރަހައްދަށް ހަމަޖެހުމާއި އަމާން ކަން ގެނެސްދެވޭން އޮތް ގޮތް ކަމަށް ތަކުރާރުކޮށް ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލް ކުރައްވާ ބައިނަލް އަގުވާމީ ވަކީލުން ވެސް ބަޔާނެއް ދެއްވި އެވެ. ރާއްޖެ ތަމްސީލް ކުރެއްވީ އިނގިރޭސިވިލާތާއި ވޭލްސްގެ ބާގެ މެންބަރުން، އެސެކްސް ކޯޓް ޗޭމްބާސްގެ ބައިނަލްއަގުވާމީ ދެ ވަކީލެކެވެ. އެއީ އޭމީ ސޭންޑާ އަދި ޑރ. ނައޯމީ ހާޓެވެ..

ރާއްޖޭން ވަނީ ފަލަސްތީނުން އިޒްރޭލުން ހިނގަމުންދާ އަމަލަކީ ވަކި ނަސްލަކާ ދެކޮޅަށް އިންސާނީ ހައްގުތަކާއި ސިޔާސީ ހަމަތަކާ މުޅީން ހިލާފަށް ހިންގާ "އެޕާތައިޑް" އެއް ގޮތަށް ސިފަކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved